15 Dec 2021, 23:15
އަބަދުވެސް މަސައްކަތް ކުރަނީ މިންތީގެ ފަރަގު ކުޑަކުރުމަށް ކަމަށާއި އެގޮތުން ކޯޓުތަކަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަންކުރީ މި ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ވިމް ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެންސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި މިންތީ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖްތިމާއީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ވައުދަކީ ސަރުކާރުން މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ވައުދެއް ކަމަށެވެ.
މިގޮތުން ރައީސް ވަނީ ނޭޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި އެކުލަވާލި ސްޓެރެޓެޖިކް ޕްލޭނުންގައި އެންމެ ބޮޑު އިސްކަމެއް ދޭން ހިމަނައިފައިވާ އެއް ކަމަކީ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުން ކަމަށެވެ.
"މިއީ ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީ ހަމަހަމަކަން ގާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެއް. ގައުމީ ފެންވަރުގައި ހިންގާ ކޮންމެ ހަރަކާތެއްގައި މިންތީ ހަމަހަމަކަން ކަށަވަރުކުރުމަކީ ވެސް މި ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް،" ރައީސް ވިދާޅުވިއެވެ.
ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އިގްތިސޯދީ ގޮތުން މިހާރަށް ވުރެ މާބޮޑަށް އަންހެނުން ބާރުވެރިކުރެވި، އަންހެނުންނަށް ލިބޭ ގެވެށި އަނިޔާތަކުން އެކަށީގެންވާ ރައްކާތެރިކަމެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2021 ވަނަ އަހަރުގެ ގްލޯބަލް ޖެންޑާ ގެޕް އިންޑެކްސްއަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މިންތީ ތަފާތުކުރުމެއް ނެތް ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގައި މިންތީ ތަފާތުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ނަމަވެސް ސިޔާސީ އަދި އިގްތިސޯދީ ދާއިރާއިން ރާއްޖޭގައި މިންތީ ތަފާތުތައް އަދިވެސް ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ތަފާތުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޝަރުއީ ކޯޓުތަކަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ މިކަމުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.
"ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރެވޭ އަންހެނުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުން. ރާއްޖޭގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަންކުރީ މި ސަރުކާރުން. ސުޕްރީމް ކޯޓުގައި މިހާރު ދެ އަންހެން ފަނޑިޔާރުން ތިއްބަވާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އަޅުގަނޑުމެން ބޭނުންވާ ކުރިއެރުން ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ، ހިންގުމުގެ ދާއިރާގައާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. އަދި ރަށްރަށުގެ ކުދިކުދި މުޖްތަމައުތަކުން ތަރައްޤީއާ ގުޅޭ ކަންކަން ނިންމުމުގައި އަންހެނުން ބައިވެރިކުރުން މުހިންމު ކަން ފާހަގަކުރެއްވިއެވެ.