07 Mar 2012, 02:35
ފުލުހުންގެ ވެހިކަލަކަށް ގެއްލުންދިޔަ ބަޔަކު އަތުލައި ގަތުމަށް ސުނާމީ ބިނާ ސަރަހައްދަށް ދިޔަ ފުލުހުންނާ ކުރިމަތިލި އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު ކޮޅު ސަރަހައްދުގައި އޮތް ފުލުހުންގެ ވެހިކަލަކަށް ގެންލުންދިން ބަޔަކު ހައްޔަރު ކުރުމަށް ފުލުހުން ސުނާމީ ބިނާ ސަހައްދަށް ދިޔުމުން އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ ބަޔަކު ފުލުހުންނާ ކުރިމަތިލި ކަމަށެވެ. އަދި އެ މީހުން ފުލުހުންނާ ކުރިމަތިލުމުން ބާރުގެ ބޭނުންކޮށްގެން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ސަންގެ ނޫސްވެރިން ސުނާމީ ބިނާ ސަރަހައްދަށް މިރޭ ދަންވަރު ދިޔައިރު ފުލުހުން ވަނީ މުޅި ސުނާމީ ބިނާ ސަރަހައްދުން މީހުން ފައްސާލައި އެ ސަރަހައްދު ސާފުކޮށްފަ އެވެ. އެ ސަރަހައްދުން މީހުން ފައްސާލި އިރު، އެތަނުގައި ތިބި ބައެއް ނޫސްވެރިންނަށް ފުލުހުން ވަނީ ހަމަލަދީފަ އެވެ. އަދި އަނިޔާވެފައިވާ އާންމުގެ ބަޔަކު ވެސް އެ ސަރަހައްދުގައި ތިއްބެވެ. އަދި އެމްޑީޕީގެ މުޒާހަރާގެ މައިދާނުގައި ހުރި ބައެއް ތަކެއްޗަށް ފުލުހުން ގެއްލުންދީފައިވެ އެވެ. އެގޮތުން ސްޓޭޖް މަތީގައި ހުރި ޕޯޓިއަމް ބިންމައްޗަށް ވައްޓާލައި ހަލާކުކޮށްލާފައިވާއިރު، ގޮނޑި ފަދަތަކެތި ބިންދާލާފައިވެ އެވެ.
ސުނާމީ ބިނާ ސަރަހައްދުން މިރޭ ދަންވަރު 2:45 އެހާކަންހާއިރު އެމްޑީޕީގެ ސަޕޯޓަރުން ފައްސާލުމާއެކު، މާގިނައިރުތަކެއް ނުވެ، މީހުން ވަނީ ސުނާމީ ބިނާ ސަރަހައްދަށް ޖަމާވާންފަށާފަ އެވެ. އެ ސަރަހައްދަށް ޖަމާވި މީހުންނާ ވާހަކަފުޅު ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ "ދެން ފުލުހުން އައިސް ތަޅަންޏާމުން އަރުންވެސް ނުކުމެ ތަޅަންޖެހޭނެ" ކަމަށެވެ.
އެމްޑީޕީން ބުނީ ސުނާމީ ބިނާ ސަރަހައްދަށް ފުލުހުން އަރައި ގަތީ ކަމަށާއި ސްޓޭޖް މަތީގައި ހުރި އެމްޑީޕީގެ ޕޯޑިއަމް ވައްޓާލައި ހަލާކުކޮށްލާފައިވާ ކަަމަށެވެ. އަދި ބައެއް އާންމުންނަށް ނުހައްގުން އަނިޔާތަކެއްކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްޑީޕީގެ މުޒާހަރާގެ މައިދާނަށް ފުލުހުން އަރައި އަނިޔާ ކުރި ކަމަށް ބުނެ ދެ މީހަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އެ ހަނުޖެހުމުގައި އަނިޔާވި ދެ ފުލުހަކު ވެސް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެ އެވެ.