އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އަށް ލައްކައަށް ވުރެ އިތުރުވެއްޖެއެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންްސް ޔުނިވާސިޓީން މިދިޔަ އަންގާރަ ދުވަހު އާންމުކުރި މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް ކޮވިޑްގެ އެންމެ ގިނަ މަރު ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެގޮތުން ކޮވިޑްގައި މުޅި ދުނިޔެއިން މިހާތަނަށް މަރުވި 5.3 މިލިއަން މީހުންގެ ތެރެއިން 15 ޕަސެންޓު މީހުން މަރުވީ އެމެރިކާގައެވެ.

"ކޮވިޑްގެ އަށް ލައްކަ މަރު ފަހަނައަޅައި ގޮސްފައިވާއިރު އެ ހުރިހާ އެންމެންނާއި އެމީހުންގެ ދިރިއުޅުން މަތިން ހަނދާންކޮށް، އެ އެންމެންނަށް ހެޔޮ ދުއާ ކުރަން،" އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން މަރުވި ގިނަ މީހުންނަކީ ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުންނެވެ. އެމެރިކާގައި ކޮވިޑްގެ ހަތަރު ވަނަ ރާޅުގެ ތެރޭގައި ވެކްސިން ޖެހި މީހުންގެ އަދަދު އިތުރުވެ، އެގައުމުގެ އާބާދީގެ 60 ޕަސެންޓު މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ފިނި މޫސުމަށް ތައްޔާރު ވަމުންދާ އެމެރިކާއަށް ވަނީ ކޮވިޑްގެ ފަސްވަނަ ރާޅެއް އެރުމުގެ ބިރު ހީވެފައެވެ. ފިނީގެ ސަބަބުން މީހުން ބޭރުތެރެއަށް ވުރެ އަމިއްލަ ގެ ފަދަ ތަންތަނުގައި އެއްވުންތައް ބާއްވާ މިންވަރު އިތުރުވާނެތީ، ކޮވިޑް ފެތުރޭ މިންވަރު ވެސް އިތުރު ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮވިޑްގެ އައު ވޭރިއަންޓު އޮމިކްރޯންގެ ނުރައްކާ ދުނިޔެއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ކޮވިޑް ކޭސްތަކުގެ ތެރެއިން ތިން ޕަސެންޓު ކޭސްތަކަކީ އޮމިކްރޯންގެ ކޭސްތަކެވެ.

"މިއަދު އަށް ލައްކަ މީހުންގެ މަރު ހަނދާންކުރާއިރު ގެއްލިގެން އެ ދިއައީ ބައްޕައެއް ނުވަތަ ކާފައެކެވެ. މަންމައެއް ނުވަތަ މާމައެކެެވެ. ރައްޓެއްސެއް ނޫނީ މުޖުތަމައުގައި ދަންނަ މޫނެކެވެ. އެނގޭ އެއްޗަކީ އަހަރުމެން ދަންނަ ކޮންމެވެސް މީހަކު ގެންދިޔަކަން،" އެމެރިކާގެ ސެެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ ވިދާޅުވިއެވެ.