15 Dec 2021, 21:18
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު މަރްހޫމް ހުސައިން ވަހީދަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރެއްވި، ވަރަށް ވިސްނުން ތޫނު ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަރްހޫމް ހުސައިން ވަހީދުގެ ހަނދާނުގައި މިއަދު މަޖިލީހުގެ އިދާރާގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހުސެއިން ވަހީދަކީ ޑޮމޮކްރެސީގެ ހަޔާތަށް، ކުރި ދަތުރުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ ކަމަށެވެ. އަދި ވިދާޅުވީ ގެއްލިގެ އެ ދިޔައީ ތެދުވެރި، އެކުވެރި އަދި ވަފާތެރި ރަހުމަތްތެރިއެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެނަށް ގެއްލިގެން އެ ދިޔައީ ތެދުވެރި، އެކުވެރި ވަފާތެރި ރަހުމަތްތެރިއެއް. ކޮމަންޑޫ ދާއިރާގައި ގެއްލިގެން އެ ދިޔައީ ހިދުމަތްތެރި ހާދިމެއް. އާއިލާއަށް ގެއްލިގެން އެ ދިޔައީ ލޯބިވާ އަޚެއް. ހުސެއިން ވަހީދަކީ މަޑުމައިތިރި ކަމާއި ކެތްތެރި ކަމާއި އަދި ވިސްނުންތެރިކަމާއެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއް. އަދި ވަރަށް ހިތްވަރުވެސް ގަދަ ބޭފުޅެއް. އަދި މަޖާވެސް ބޭފުޅެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުސެއިން ވަހީދާއެކު މަޖިލީހުގައި ހޭދަކުރެއްވީ އެއް ދައުރު ކަމަށާއި އެ ދައުރަކީ މަޖިލީހުގެ ހަޔާތުގައި ހޭދަކުރެއްވި އެންމެ އުނދަގޫ ދުވަސްވަރު ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް ހުސައިން ވަހީދަކީ ވިސްނުންތެރިކަމާއެކީގައި ވަރަށް ރަނގަޅު ލަފާދެއްވި ބޭފުޅެއް ކަމަށެވެ.
ތައުޒިޔާގެ ދަފުތަރުގައި ރައީސް، ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް ހުސެއިން ވަހީދަކީ އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމުގައި ލިޔުއްވާފައެވެ. އަދި އެމަނިކުފާނު ހުސެއިން ވަހީދާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް ހުސެއިން ވަހީދުގެ ހިތްޕުޅު ހެޔޮކަމާއި، އެކުވެރި މަޖާ މިޒާޖު ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމުގައި އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ހުސެއިން ވަހީދަކީ ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތްކުރެއްވިއިރު ވެސް ހެޔޮލަފާދެއްވާ ވިސްނުންތެރި އަދި ދިމާވި އެކި ހުރަސްތަކާއި އަޑިގުޑަންތަކުން އަރައިގަތުމުގައި ކެރިގެން ކުރިމަތުލެއްވި ބޭފުޅުއްގެގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށް ޓަކައި ޝުކުރުއަދާކުރައްވާފައެވެ.
ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް ހުސެއިން ވަހީދަށް ސުވަރުގޭގެ ތަނަވަސް ރަހްމަތާއި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުއާ ދަންނަވައި، އެބޭފުޅާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.
ހުސެއިން ވަހީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެކެވެ.
އެގޮތުން 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސްލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ.
މީގެ އިތުރުން އެބޭފުޅާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
ހުސެއިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް 14 ޑިސެންބަރު 2021 ވީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ.
ހުސެއިން ވަހީދުވަނީ ގިނަ ދުވަސްތަކެއްވަންދެން ކެންސަރު ބައްޔަށް ފަރުވާހޯއްދަވާފައެވެ.