15 Dec 2021, 20:28
ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 259 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ހެނދުނު 10:30ގައި ހއ. އަތޮޅު ހޮސްޕިޓަލުން ހާލު ދެރަވެގެން މާލެ ގެނެވުނު މީހަކު މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 259 ވަނަ މީހާއެވެ.
ކޮވިޑްގައި ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މި މަހުގެ ދިހަ ވަނަ ދުވަހުއެވެ. އެއީ ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެޗްޕީއޭ އިން ރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 93،370 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 91،118 އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދަކީ 1981 އެވެ. މީގެ ތެރެއިން 18 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.