ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި، 19 ވަނަ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅައިފައިވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމްއެވެ.

މި ބިލުގައި ވަނީ ފުލުހުންގެ ތަހުގީގަށް ގާނޫނުން ލިބިދޭ މުއްދަތު ތިން މަހަށް އިތުރު ކުރުމަށް ފާސްކޮށްފައެވެ. މީގެ ކުރިން މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ލިބެނީ 45 ދުވަހެވެ. އެގޮތުން ޓެރަރިޒަމްގެ ބައެއް މައްސަލަތަކާއި ހާލަތްތަކުގައި ތަހުގީގު ހިންގަން ފުލުހުންނަށް 90 ދުވަސް ދިނުމަށް ފާސްކޮށްފައިވެއެވެ.

ހަމައެހެންމެ ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި، ތުހުމަތު ކުރެވޭ މީހާ 48 ގަޑިއިރަށް ބަންދުކުރުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ. މީގެ ކުރިން ކޯޓު އަމުރެއް ނެތި މީހަކު ބަންދުގައި ބެހެއްޓެނީ 24 ގަޑިއިރަށެވެ.

ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ ހާލަތްތައް ވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލު ރާވައި، ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި މިފަދަ އަމަލެއްްގައި އެއްވެސް ސިފައެއްގައި އެހީވި ކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ހަނގުރާމަތަކުގައި ބޭނުންކުރާ އާލާތްތައް ގެންގުޅެ، ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި ބައިވެރިވާ މީހުން ވެސް ހިމެނައިފައިވެއެވެ.

މީގެ އިތުރުން ވެސް ބިލުގައި ވަނީ ހަނގުރާމަތަކަށް ދާ މީހުންނާމެދު އަމަލު ކުރާނެ ގޮތްތަކާއި އެމީހުން ރިހިބިލިޓޭޓް ކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ވެސް ހިމަނައިފައެވެ.