15 Dec 2021, 19:47
ފުލުހުން ހިންގަމުން އަންނަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން، ހައްޔަރުކުރި ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދުގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 14 ދުވަސް ޖަހައިފިއެވެ.
މުޖާހިދު ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ޓެކްސީއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އެ ކާރުން ފެނުނު ޑްރަގްސްގައި ގާތްގަނޑަކަށް 100 ކިލޯ ހުންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުޖާހިދުގެ ބަންދު ގޯސް ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެން ކޯޓުން އޭނާގެ ބަންދަށް ފުރަތަމަ ދީފައިވަނީ އެންމެ ދުވަހެކެވެ. ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު އޭނާ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ އިތުރު 14 ދުވަސް ޖަހައިފައެވެ.
މުޖާހިދުގެ މައްޗަށް ވެސް ކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއެވެ. އޭނާއާއެކު ގިނަ ބަޔަކު މިކަމުގައި ބައިވެރިވާ ކަމަށް ފުލުހުން ތުހުމަތުކުރާއިރު ފުލުހުން ވަނީ މުޖާހިދުގެ ބެލުމުގެ ދަށުން މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް ގެންދަން އުޅުނު ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ އިތުރު ބަޔަކާ ގުޅިގެން މުޖާހިދު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓް ކޯޓަށް ހުށަހަޅައިފައެވެ.
ކާރުގެ ތެރެއިން މުޖާހިދުގެ ދަރިފުޅުގެ މެޑިކަލް ޑޮކިއުމެންޓެއް ފެނިފައިވާތީ މަސްތުވާތަކެއްޗާ މީނާއާ ގުޅުމެއް ވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މި ޑޮކިއުމެންޓްތަކަކީ ފަހުގެ ތާރީހެއްގެ ޑޮކިއުމެންޓުތަކެއް ކަމުން، އެއީ ބެލެނިވެރިން ނޫން ބައެއް އަތުގައި އޮތުން ނާދިރު ލިޔުންތަކެއް ކަން ކޯޓުގައި މިއަދު ފާހަގަކޮށްފައިވެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މުޖާހިދަކީ މަސްތުވާތަކެތީގެ ނެޓްވޯކެއްގެ ތެރެއިން ފުލުހުން މީގެ ކުރިން އަތުލައިގަތް، އަދި އެ ނެޓްވޯކްގެ ބޮޑު މީހާ ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ހާލިދުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ކަމަށް ފުލުހުން ތުހުމަތު ކުރާ ގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އަރުޝަދު މިހާރު ދިރިއުޅެމުން އަންނަނީ ދުބާއީގައެވެ.