07 Mar 2012, 01:55
ސައިކަލްތަކެއްގައި ބަޔަކު މާލެ ތެރެއަށް ނުކުމެ، ފުލުހުންގެ ތަންތަނަށް މިރޭ ގެއްލުންދީފި އެވެ.
ފުލުހުން ބުނީ ސައިކަލްތަކެއްގައި މިރޭ ނުކުތް ބަޔަކު ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށާއި އެކުވެނި ސަރަހައްދުގައި ހުންނަ ޓްރެފިކް ޕޮލިސް ސްޓޭޝަނަށް ވަދެ، އެތާންގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދޭން މަސައްކަތް ކުރި ކަމަށެވެ.
ސައިކަލްތަކެއްގައި އައި ބަޔަކު ޓްރެފިކް ޕޮލިހަށް ވަދެ، އެތާނގައި ތިބި ފުލުހުންނާ ދިމާލަށް އަޑުގަދަ ކުރުމަށްފަހު، ކޮންޕިއުޓާ މޮނީޓަރެއް ވައްޓާލައި ގެއްލުންދޭން އުޅުމުން އެ މީހުން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ މާލެ ތެރޭގައި ހަމަނުޖެހުން ހިންގައި ތަންތަނަށް ގެއްލުންދޭ މައްސަލަ ތަހުގީގުކޮށް އެކަންތައްތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށެވެ.
ފުލުހުންގެ ސްޓޭޝަންތައްކަށް މިރޭ ގެއްލުންދީ ފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ރޭ ދަންވަރު އަލިފާން ރޯކުރުމަށް ބަޔަކު މަސައްކަތްކޮށްފައިވެ އެވެ. އަދި އެ ކަންކުރުމަށް ބޭނުންކުރަން އުޅުނު ކަމަށް ބެލެވޭ ބައެއް ސާމާނު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.