ބާލިން (ޑިސެމްބަރު 15) : ޗައިނާއާއި އެގައުމުގެ އަވަށްޓެރި ގައުމުތަކާ ދެމެދު ސަރަހައްދީ އިމުގެ މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑަށް ޖަރުމަނުން ހަނގުރާމަ މަތީ މަނަވަރެއް ފޮނުވައިފިއެވެ.

ޖަރުމަނަކީ ދެވަނަ ބޮޑު ހަނގުރާމައިގާ އެގައުމު ބަލިވުމަށްފަހު ބައިނަލްއަގްވާމީ އަސްކަރީ ހަރަކާތްތަކާ ވަރަށް ދުރުގައި އޮންނަން މަޖްބޫރުވެފައިވާ އަދި އެގައުމުގެ މައްޗަށް އެމެރިކާގެ އަސްކަރީ ކޮންޓްރޯލް އޮންނަ ގައުމެކެވެ. ދެވަނަ ބޮޑުހަނގުރާމައިގާ ބަލިވުމާއެކު އެމެރިކާގެ އެތައް ހާސް ސިފައިންނާއި އަސްކަރީ ބޭސްތައް ބާއްވަން ޖަރުމަނަށްވަނީ މަޖްބޫރުވެފައެވެ.

ޖަރުމަނުން ދެކުނު ޗައިނާ ކަނޑަށް ފޮނުވި މަނަވަރު

ޗައިނާގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ އެގައުމުގެ ސްޓްރެޓީޖިކް ސަރަހައްދެއްކަމަށްވާ ދެކުނު ޗައިނާ ކަނޑަށް ޖަރުމަނުން އަސްކަރީ މަނަވަރެއް ފޮނުވާފައި މިވަނީ ދުނިޔޭގައި ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ބާރު ފުޅާވަމުންދާކަމުގެ ކަންބޮޑުވުން އެމެރިކާއާއި އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕްގެ ބާރުތަކުން އިހްސާސް ކުރަމުން ގެންދާ ދުވަސްވަރެއްގައެވެ.

ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރުމަށް އެދި ސަރަހައްދުގެ ގައުމުތަކުގެ އެހީ ހޯދުމަށްޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން މިހާރުވެސް ގެންދަވަނީ ދެކުނު ޗައިނާ ކަނޑަށް އައްސޭރިވާ ގައުމުތައް ކަމަށްވާ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.

ދެކުނު ޗައިނާ ކަނޑުގައިވާ އެމެރިކާގެ ފްލީޓެއް

އެމެރިކާގެ އަސްކަރީ ބައިވެރިންކަމަށްވާ އިނގިރޭސިވިލާތާއި އިންޑިއާވެސް ވަނީ ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި ދެކުނު ޗައިނާ ކަނޑަށް މީގެކުރިން މަނަވަރުތައް ފޮނުވާފައެވެ. މީގެއިތުރުން އެމެރިކާގެ ކަނޑުގެ ބޮޑު ފްލީޓެއް އެސަރަހައްދުގެ ވަށައިގެން ބުރުއަޅަމުން ގެންދެއެވެ.

ދެކުނު ޗައިނާ ކަނޑަށް އަސްކަރީ މަނަވަރެއް ފޮނުވުމާގުޅޭގޮތުން ޖަރުމަނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އެ މަނަވަރުގެ ބޭނުމަކީ އެ ސަރަޙައްދުން ދަތުރުކުރައި ވިޔަފާރީގެ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އެ ސަރަހައްދުގައި އަމަނާއި ސުލްހަ ގާއިމްކުރުމަށް މަސައްކަތް ކުރުންކަމުގައެވެ.

ދެކުނު ޗައިނާ ކަނޑުގައިވާ ޗައިނާގެ ކަނޑުގެ ސިފައިން

ދުނިޔޭގައި ކަނޑު މަގުން ހިންގާ ވިޔަފާރީގެ ތެރެއިން އަހަރަކު ގަތްގަނޑަކަށް ތިނެއް ޕޮއިންޓް ފަހެއް ޓްރިލިޔަން ޑޮލަރުގެ މުދާ ގައުމުތަކަށް ގެންދަނީ ދެކުނު ޗައިނާ ކަނޑުންނެވެ. މީގެތެރޭގައި ޔޫރަޕުން ކަނޑުމަގުން އެކްސްޕޯޓްކުރާ މުދަލުގެ ސާޅީސް އިންސައްތަ ހިމެނެއެވެ.

ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑަކީ ޖިއޮ ސްޓްރެޓީޖިކް ގޮތުން ޗައިނާއަށް މުހިއްމު ކަނޑެކެވެ. އެކަނޑަކީ އެމެރިކާއާ އަދި ޔޫރަޕާ އެތަށް ހާސް މޭލެއްގެ ދުރުގައިވާ ކަނޑެއްވެސް މެއެވެ. މިއާއެކު ޗައިނާވަނީ އެގައުމުގެ އައްސޭރިފަށުގައިވާ ދެކުނު ޗައިނާ ކަނޑުގެ 90 އިންސައްތައަކީ އެގައުމުގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު ގެ ގޮތުގައި ކަނޑައަޅާފައެވެ.

ޗައިނާގެ ކަނޑުގެ ބާރުތައް

ޗައިނާ ވަނީ ދެކުނު ޗައިނާ ކަނޑުގައިވާ ފަޅުތައް ހިއްކައި އެތަންތަނުގައި ރަށްތައް ބިނާކޮށް އެ ރަށްރަށުގައި ހަނގުރާމަމަތީ ބަރުހަތިޔާރާއި އަސްކަރީ ރާޑަރުފަދަ ތަކެތިވެސް ހަރުކޮށްފައެވެ. ދެކުނު ޗައިނާ ކަނޑުގެ ބޮޑު އައްސޭރި އޮންނަނީވެސް ޗައިނާގައެވެ.

ނަމަވެސް އެކަނޑަށް އެނޫންގައުމުތަކުގެ އައްސޭރިވެސް އޮވެއެވެ. މީގެތެރޭގައި އިންޑޮނޭޝިޔާ، މެލޭޝިޔާ، ތައިލޭންޑް، ކެންބޯޑިއާ، ލާއޮސް، މިޔަންމާ، އަދި ފިލިޕީންސް ހިމެނެއެވެ. އެގައުމުތަކުންވެސް ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއްގެ މިލްކުވެރިކަމަށް ދައުވާކުރެއެވެ.

ނަތީޖާއެއްގެ ގޮތުން އެގައުމުތަކާއި ޗައިނާއާ ދެމެދު ވަނީ ސަރަހައްދީ ރޮނގުގެ އަރާރުމެއް ފެށިފައެވެ. ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުމުގައި މިއަރާރުމުގެ ބޭނުން ހިފައިގެން އެސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ޗައިނާއިން އެމެރިކާގެ މައްޗަށް ކުރެއެވެ.