06 Mar 2012, 23:38
ޖެނުއަރީ 14 އިން ފެށިގެން މިދިޔަ މަހުގެ އަށެއްގެ ނިޔަލަށް ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކާއި ވެރިކަން ބަދަލުވީ ގޮތް ބަލައި ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި "ނޭޝަނަލް އިންކްއަރީ ކޮމިޝަން"ގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް "ދެފުށް ފެންނަ" ގޮތަކަށް ކުރިއަށް ގެންދިއުމަށް މަދަނީ ހަތަރު ޖަމިއްޔާ އަކުން ސަރުކާރަށް ގޮވާލައިފި އެވެ.
އިންކުއަރީ ކޮމިޝަނުން ނިންމާ ނިންމުތަކާ މެދު ރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށް ކޮމިޝަނަށް ގެންނަންވީ ބަދަލުތަކާ އެކު ސަރުކާރަށް ގޮވާލާފައި ވަނީ ޓްރާންސްޕޭރޭންސީ މޯލްޑިވްސް އާއި މޯލްޑިވިއަން ޑިމޮކުރަސީ ނެޓްވޯކް އާއި ޑިމޮކުރަސީ ހައުންސްގެ އިތުރުން މޯލްޑިވްސް އެންޖޯއީ ފެޑަރޭޝަނުނެވެ.
އެ ޖަމިއްޔާތަކުން ވަނީ އިންކުއަރީ ކޮމިޝަނަށް ގެންނަ ޖެހޭ ކަމަށް އެ ޖަމިއްޔާތަކަށް ފެންނަ ބަދަލުތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިޓީއެއް ފޮނުވައިފަ އެވެ.
ޓްރާންސް ޕޭރެންސީ މޯލްޑްވްސްގެ މެންބަރު އައިމަން ރަޝީދު މިރޭ ވިދާޅުވީ އެންކުއަރީ ކޮމިޝަނަށް އެ ހަތަރު ޖަމިއްޔާ އިން ވެސް މަރުހަބާކިޔާ ކަމަށާއި އެހެން ނަމަވެސް އެ ކޮމިޝަން މިހާރު އޮތް ގޮތުން، ކޮމިޝަނުން ކުރާ ތަހުގީގެއް ރައްޔިތުން ބަލައި ނުގެންފާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ސިޓީގައި އެންކުއަރީ ކޮމިޝަނަށް އައްޔަން ކުރެވޭ މެންބަރުންނަކީ ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސްވެވޭ މެންބަރުނަށް ވާންޖެހޭ ކަމަށާއި އަދި އެކޮމިޝަން ހިނގާ ގޮތް އޮބްޒާވް ކުރުމަށް މިނިވަން ފަރާތްތަކުން ހަރަކާތްތެރިވުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެފައިވާނެ ކަމަށް އައިމަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުގައި އެދިފައިވާނެ އެ ކޮމިޝަނުގައި ހިއުމަންރައިޓްސް ކޮމިޝަން، ޕްރޮސެކިއުޓާ ޖެނަރަލް، ޕޮލިސް އެންޓެގްރިޓީ ކޮމިޝަން ، ފަދަ މިނިވަން މުއައްސާތައް ]ހިމެނުމަށް[. މިނިވަން ޖަމިއްޔާތަކުން ވެސް ބޭނުންވޭ އެ ކޮމިޝަނުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން،" އައިމަން ވިދާޅުވި އެވެ.
އޭގެ އިތުރުން އެންކުއަރީ ކޮމިޝަނުގެ ނިންމުތައް ސަރުކާރަށް ހުށަހެޅުމުގެ ބަދަލުގައި ރައްޔިތުން މަޖިލީސް ފަދަ މިނިވަން މުއައްސާއަކަށް ހުށަހެޅުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.