އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފައިޓާ ޖެޓްކަމަށްވާ އެފް-35 މަރުކާގެ 50 ޖެޓް ގަތުމަށް އެމެރިކާއާއެކު އެއްބަސްވެފައިވާ ޑީލް އިން ވަކިވާންބޭނުންކަން ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން ވަނީ ހާމަކޮށްފައެވެ.

ޔޫއޭއީގެ, ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިއަކު ރޮއިޓާސް އަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެފް-35 މަރުކާގެ 50 ޖެޓް ގަތުމަށް އެމެރިކާއާއެކު އެއްބަސްވެފައިވާ ޑީލްއިން ވަކިވެ، އޯޑަރު ކުރިޔަށް ގެންދަން ބޭނުނުވާކަން މިހާރު އެމެރިކާއަށް އަންގާފައިވާނެ ކަމުގައެވެ.

އެފް-35 މަރުކާގެ 50 ފައިޓާޖެޓް ގަތުމުގެ ޑީލް އަކީ 23 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އަސްކަރީ ޑީލް އެކެވެ. އެފް-35 މަރުކާގެ 50 ފައިޓާޖެޓަކީ އެމެރިކާގެ ފަސް ވަނަ ޖީލުގެ އަސްކަރީ ޓެކްނޮލޮޖީގެ ފަޚުރެވެ. ޔޫއޭއީ އާއި އެމެރިކާގެ މިޑީލްގައި އެފް-35 މަރުކާގެ 50 ފައިޓާޖެޓްގެ އިތުރުން އެމެރިކާގެ އެންމެ މަތީ ޓެކްނޮލޮޖީގެ ޑްރޯން އާއި ލޭޒަރު ގެ އެހީގައި ފޮނުވާ ޒަމާނީ ރޮކެޓްތައްވެސް ހިމެނެއެވެ.

މި މުހިއްމު ޑީލް އިން ވަކިވާން ޔޫއޭއީ ނިންމި ނިންމުމާ ގުޅިގެން އެމެރިކާއަށް ވަނީ ސިހުން ލިބިފައެވެ. މިގޮތަށް ނިންމަންޖެހުނު ސަބަބެއް ޔޫއޭއީގެ މަސްއޫލުވެރިޔާ ހާމަކުރައްވާފައިނުވި ނަމަވެސް އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލްސްޓްރީޓް ޖާނަލް" ބުނާގޮތުން ޔޫއޭއީގެ ހިތްހަމަނުޖެހުމަކީ އެފް-35 މަރުކާގެ 50 ޖެޓް ވިއްކުމުގައި އެމެރިކާ ގެންގުޅޭ ޝަރުތުތައް ބޮޑުވުމެވެ.

އެެމެރިކާގެ އެފް 35 މަރުކާގެ ފައިޓާ ޖެޓް

ޔޫއޭއީގެ މަސްއޫލުވެރިންވަނީ އެތައް ފަހަރަކު އެމެރިކާއަށް މިކަންބޮޑުވުން ފާޅުކޮށް އެކަމާ ޝަކުވާކޮށްފައި ކަމަށް "ވޯލްސްޓްރީޓް ޖާނަލް" ބުނެއެވެ. އެމެރިކާގެ ޝަރުތުތައް ކިތަންމެ ބޮޑުނަމަވެސް މިފަދަ މަތީ ޓެކްނޮލޮޖީގެ މުހިއްމު ޑީލަކުން ވަކިވާން ޔޫއޭއީއަށް ކެރޭނެކަމަށް އެމެރިކާ ލަފާވެސް ނުކުރާނެއެވެ.

އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ޗައިނާއާއެކު ޔޫއޭއީ އަސްކަރީގޮތުންނާއި ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރަމުން ގެންދާ މައްސަލާގައި އެމެރިކާ ފާޑުކިޔާ މައްސަލައަކީވެސް އެމެރިކާއާމެދު ޔޫއޭއީ ހިތްހަމަނުޖެހޭ ކަމެކެވެ. މީގެއިތުރުން ނިއުކްލިޔާ މައްސަލާގައި އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި ޔޫއޭއީން އީރާނާ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރާ މައްސަލާގައި އެމެރިކާގެ ނުރުހުން ޔޫއޭއީ އަށް އަމާޒުކުރުމަކީވެސް އެމެރިކާއާމެދު ޔޫއޭއީ ހިތްހަމަނުޖެހޭ މައްސަލައެކެވެ.

މިފަހަކަށް އައިސް ޔޫއޭއީ ގެންދަނީ ހުރިހާކަމެއްގައި ހަމައެކަނި އެމެރިކާއަށް ބަރޯސާވުމަށް ޒަމާނުއްސުރެ އެގައުމު ގެންގުޅުނު ސިޔާސަތުގެ ބަދަލުގައި ޗައިނާ، ރަޝިއާ، އިސްރާއީލު އަދި އީރާނާވެސް ވަރަށް ބޮޑަށް ގާތްވެ އެގައުމުތަކާވެސް ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ.

އިސްރާއީލާ ގުޅުންތައް ބަދަހިކުރުމަކީ ފަލަސްތީނުގެ މައްސަލައަށް އޮތް ނުރައްކަލެއްނަމަވެސް އެއީ އަރަބިންނާއި މުސްލިމުންގެ ކަންބޮޑުވުމެއް ނަމަވެސް އެއީ އެމެރިކާގައި އޮންނަ ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ތާއީދު ލިބޭނެ ކަމެއްކަމަށްވާތީ ފަލަސްތީނުގެ މައްސަލަ ގުރުބާންކޮށްފައި ޔޫއޭއީ ވަނީ އިސްރާއީލާ ގުޅުންތައް ގާއިމްކޮށް އެގައުމާ ވަރަށް ބޮޑަށް ގާތްވާން ފަށާފައެވެ.

އިސްރާއީލާ ގުޅުންތައް ގާއިމްކުރުމަކީ އެމެރިކާއަށް ގޮންޖަހާލުމުގެ ފުރުސަތު ލިބޭނެކަމެއްކަމާ އަދި އެއީ ހުޅަނގުގެ ފިއްތުންތަކުން ޔޫއޭއީ ސަލާމަތްވުމަށް ލިބޭނެ ކްރެޑިޓެއް ނުވަތަ ޑިޓަރެންޓެއް ނުވަތަ ރައްކާތެރި ކަމުގެ އައްޑަނައެއް ކަމަށް ޔޫއޭއީ ދެކެއެވެ. އެއީ އެމެރިކާއި ޔޫރަޕްގައި އިސްރާއީލުގެ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ނުފޫޒު ބޮޑުކަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު މިހަފްތާގައި ފުރަތަމަ ފަހަރަށް ޔޫއޭއީއަށް ޒިޔާރަތް ކުރެއްވިއިރު އިސްރާއީލާއި އެމެރިކާގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަންނަ ހަފްތާގައި ޔޫއޭއީ އަށް ޒިޔާރަތް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހާލެވޭގޮތަށް ޔޫއޭއީން އީރާނާ ވިޔަފާރީގެ ގުޅުންތައް ބާއްވަމުންދާ މައްސަލާގައި އެމެރިކާ ކަންބޮޑުވުން ފާޅުކުރުމަށްފަހު އެކަން ބެލުމަށްޓަކައި މިދިޔަ ހަފްތާގައި އެމެރިކާވަނީ ޔޫއޭއީ އަށް ވަފްދެއްވެސް ފޮނުވާފައެވެ.

ރަޝިއާގެ އެސް 35 މަރުކާގެ ފައިޓާޖެޓް

އެމެރިކާގެ އެފް-35 މަރުކާގެ 50 ފައިޓާ ޖެޓް ގަތުމުގެ ޑީލުން ވަކިވާން ގަސްދުކުރާކަން ޔޫއެއީން އެމެރިކާއަށް އެންގީ އެމެރިކާގެ މިވަފްދުގެ ދަތުރަށްފަހުގައެވެ. އެހެންކަމުން މިއީ ޔޫއޭއީ އެހެން ގައުމުތަކާ ހިންގާ މުއާމަލާތްތަކަށް ނުފޫޒު ހިންގަން އެމެރިކާ މަސައްކަތްކުރާތީ އެކަމާމެދު ހިތްހަމަނުޖެހިގެން ޔޫއޭއީ އަމަލީގޮތުން އެމެރިކާއަށް ދިން އިންޒާރެއްކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް މުރާސިލުން ބުނެއެވެ.

ޗައިނާއިން ޔޫއޭއީގައި ސިއްރު އަސްކަރީ ބޭސް އެއް ގާއިމް ކުރާކަމަށްވެސް ދާދިފަހުން އެމެރިކާ ވަނީ ތުހުމަތުކޮށްފައެވެ. ޔޫއޭއީ ވަނީ މިކަން ދޮގުކޮށްފައެވެ. ނަމަވެސް މިއީ ޔޫއޭއީގެ ހިތްހަމަނުޖެހުން އެމެރިކާއަށް ވަރަށް ބޮޑަށް އަމާޒުވި ކަމެކެވެ. ޔޫއޭއީ އެހެންގައުމުތަކާ ކުރާ މުއާމަލާތްތަކާ އެމެރިކާ ބެހޭތީއެވެ.

އެމެރިކާގެ އެފް-35 މަރުކާގެ 50 ފައިޓާ ޖެޓް ގަތުމުގެ ޑީލުން ވަކިވުމަށްފަހު ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފައިޓާ ޖެޓްކަމަށްވާ "އެސް 35 " މަރުކާގެ ފައިޓާ ޖެޓް ގަތުމުގެ ޑީލެއް ޔޫއޭއީ ހަދާފާނެކަމުގެ ކަންބޮވުންވެސް އެމެރިކާ އިހްސާސްކުރާ ކަމަށް "ވޯލްސްޓްރީޓް ޖާނަލް" ބުނެއެވެ.

ދުނިޔޭގެ ބޮޑުބާރެއްގެ ގޮތުގައި ޗައިނާ ފާޅުވާން ފެށުމާއި ރަޝިއާގެ ހަތިޔާރުގެ ޓެކްނޮލޮޖީ އާދަޔާ ޚިލާފަށް ތަރައްގީކުރުމާ އަދި ތުރުކީއާއި އީރާން ފަދަ ސަރަހައްދުގެ ބޮޑެތި ގައުމުތައް ޒަމާނީ ހަތިޔާރު އުފައްދައި ސަރަހައްދީ ބާރުތަކުގެ ގޮތުގައި ފާޅުވާން ފެށުމަކީ މެދުއިރުމައްޗާއި ގަލްފުގައި ޒަމާނުއްސުރެ އެމެރިކާ އެކަނި ގެންގުޅޭ ބާރާއި ނުފޫޒާއި ޑޮމިނެންސަށް ލޮޅުންއަރަމުންދާ ސްޓްރެޓީޖިކް ކަންކަމެވެ.

ބައިނަލްއަގްވާމީ ބާރުގެ ތިލަފަތަށާއި ސަރަހައްދީ ބާރުގެ ތިލަފަތަށް އަންނަމުންދާ މިބަދަލުތަކާއެކު ޔޫއޭއީ އާއި ޔޫއޭއީ ފަދަ ގަލްފުގެ ގައުމުތަކަށްވަނީ ހަމައެކަނި އެމެރިކާއަށް ބަރޯސާކޮށްގެން އެގައުމު ތަކުގެ އަމަންއަމާންކަން ގާއިމް ނުކުރެވޭނެކަން އިހްސާސް ކުރެވެން ފަށާފައެވެ. އަދި ގަލްފުގެ ގައުމުތަކުގެ އާއިލީ ރަސްކަމުގެ ނިޒާމުތަކާއި އެގައުމުތަކުގެ މަސްލަހަތުތައް މިހާރު އޮތްގޮތަށް ދެމެހެއްޓޭނީ އެމެރިކާގެ އިތުރުން އެމެރިކާގެ ވާދަވެރި ޗައިނާއާއި ރަޝިއާފަދަ ދުނިޔޭގެ ފެންވަރުގެ އެހެން ބާރުތަކާ އަދި އިސްރާއީލާއި ތުރުކީއާއި އީރާންފަދަ ސަރަހައްދީ ބާރުތަކާވެސް ގުޅިގެންކަން ޔޫއޭއީ އަށްވަނީ ވިސްނޭން ފަށާފައެވެ.