06 Mar 2012, 23:17
ވެރިކަން ބަދަލުވި ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވަރަށްދޭން ބަޔަކު މަސައްކަތް ކުރި ކަމަށާއި އެކަން އޭރުގެ ނައިބު ރައީސް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ ވެރިކަމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަތް ދުވަހު ބައެއް ވިޔަފާރިވެރިން ބަޔަކަށް ގުޅުއްވައި "މިތަން މިނިޓް އިރުތެރޭގައި ދެން ހަވަރަށް ދެވޭނެ ކަމަށް" ވިދާޅުވަމުން ދިޔަ ކަމަށެވެ. އަދި އެފަދަ ފޯން ކޯލްތައް ރެކޯޑްވެފައި ހުރި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންތާކު ރެކޯޑްވެފައި ހުރި އެއްޗެހިތަކެއް ކަމަށް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. ހަވަރަށް ދޭން ތައްޔާރުވަމުން ދިޔަކަން އެނގުނީ ސިފައިންނާ އެކު ބަންޑާރަ ކޮށީގައި ހުންނެވ ިއިރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ބަންޑާރަކޮށީގައި ހުންނެވީ މަރުގެ ތުންފަތްމަތީގައި ކަމަށާއި އެކަން މިހާރުގެ ރައީސް ވަހީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ކަށަވަރު ވަހީދަށް އެނގިވަޑައިގަންނަވާނެކަން، އަޅުގަނޑު އެވަގުތު ހުރީ މަރުގެ ތުންފަތްމަތީގައި ކަމާއި އަޅުގަނޑު ހަވަރަށް ދިނުމަށް ތައްޔާރުވަމުން އަންނަކަން. ނައިބު ރައީސްއަށް އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފެބްރުއަރީ 7، ވަނަ ދުވަހު ވެރިކަމުން އިސްތިއުފާދެއްވަން ޖެހުނީ މަޖުބޫރުން ކަމަށް ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުނުވީ އަމިއްލަ ފުރާނަ އާއި ގާނޫނު އަސާސީ އާއި އާންމު މަސްލަހަތު ގެއްލިދާނެކަމުގެ ބޮޑު ބިރަށްޓަކައި ކަމަށެވެ. އަދި އެކަން އެނގޭނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފުރާނައަށާއި ގާނޫނު އަސާސީ ނެތިދިއުމަށާއި ދިވެހި ދައުލަތުގެ، ދިވެހި ރާއްޖޭގެ އާންމު މަސްލަހަތު މުޅިން ގެއްލިދިއުމުގެ ބޮޑު ބިރުވެރިކަން އަޅުގަނޑަށް އޮތީތީވެ،]މަޖުބޫރުން އިސްތިއުފާ ދެއްވި ވާހަކަ ވިދާޅުނުވީ[. އޭގެ ތަފްސީލް ތަހުގީގަށް ފަހު އެނގޭނެ،" ނަޝީދު ވިދާޅުވި އެވެ.
ވެރިކަމުން އިސްތިއުފާދެއްވި ސިޓީގައި ސޮއިކުރެއްވީ ވަޒީރުންގެ މަޖިލީހާ މަޝްވަރާ ކުރެއްވުމަށް ފަހު ކަން ހަނދުމަފުޅު ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން ދެ ބޭފުޅަކު ދެ ގޮތަށް ވިދާޅުވާތީ ކޮންމެވެސް ވަރަކަށް އޮޅުންއަރާފައިވާ ކަމަށް ވިދާޅުވި އެވެ.
އިސްތިއުފާގެ މައްސަލާގައި ވަޒީރުންނާ މަޝްވަރާ ކުރެއްވި ދުވަހު "ވަޒީރުންނާ ކޮންމެ ގޮތެއްވިޔަސް ބައްދަލުވިއިރުގައި، ދެން އެކަމުގައި ހަގީގަތުގައި ކުރެވޭނެ ކަމެއް ނެތް" ކަމަށާއި "އެ ކަމުގެ މައްޗަށް އަޅުގަނޑު އޮތީ ލަންބާފައި" ކަމަށް އެ މަނިކުފާން ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކޮށްފައި އޮތުމަކީ ދިވެހި ތާރީހަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ބޭރުގެ ޖަމާއަތަކާ ހަވާލުކުރާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަން "ބަޣާވާތަކުން" ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ބޭރުގެ ޖަމާއަތަކާ ހަވާލު ކުރުމަށް ނިންމެވީ އެމްޑީޕީގެ ގުވަންތަކުގައި އެކަމާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އަދި ބޭރުގެ ޖަމާއަތަކާ އެ މަސައްކަތްތައް މިހަފްތާތެރޭ ހަވާލު ކުރައްވާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާތެރޭގައި އެ މަސައްކަތް އެ ޖަމާއަތުން ފަށައި މަހެއްހާ ދުވަސްތެރޭގައި ތަހުގީގު އެފަރާތުން ނިންމާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެކަން ތަހުގީގު ކުރާނީ ބޭރުގެ ކޮން ޖަމާއަތަކުން ކަމެއް ނަޝީދު ވިދާޅެއް ނުވި އެވެ. އެމަނިކުފާނު ވިދާޅުވީ "ބަޣާވާތް" ތަހުގީގު ކުރުމަށް ބޭރުގެ ޖަމާއަތްތަކުން ޝައުގުވެރިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ފަހު ރާއްޖޭގެ ކޯޓަކަށް ހުށަހަޅުއްވާނެތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ "ރާއްޖޭގައި ގާއިމް ކުރެވިފައިވާ އިންތިޒާމްތައް ބޭނުން ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ" ކަމަށެވެ. ނަމަވެސް ސީދާ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.