15 Dec 2021, 08:54
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޯޗް، ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީއާ ހަވާލުވުމަށްފަހު އެ ޓީމުން 500 ގޯލު ހަމަކޮށް އިނގިރޭސި ޕްރިމިއާ ލީގުގައި ބޮޑު ތަފާތަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 0-7 ގެ ނަތީޖާއަކުން ލީޑްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މޮޅާއެކު ސިޓީ އިން ވަނީ 41 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ދަމަހައްޓާފައެވެ. މިރޭގެ މެޗުގެ ކުރިން ލިވަޕޫލާ އެއް ޕޮއިންޓުގެ ފަރަގުގައި އޮތް ނަމަވެސް ސިޓީ އިން ވަނީ ހަތަރު ޕޮއިންޓް ކުރިއަށް ޖައްސާލައިފައެވެ.
ފުރަތަމަ ހާފު ފަށައިގެން ސިޓީ އިން ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކްކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ސިޓީއަށް އެންމެ ފުރަތަމަ ލީޑު ނަގައިދިނީ އުމުރުން 21 އަހަރުގެ ފިލް ފޮޑެން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއިންނެވެ. އެ ގޯލާއެކު ސިޓީ އިން ވަނީ ގާޑިއޯލާ އެޓީމާ ހަވާލުވިފަހުން ޖުމުލަ 500 ގޯލު ހަމަކޮށްފައެވެ. ސިޓީ އަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 13 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ނަގައިދިން އިންގްލެންޑްގެ ތަރި ޖެކް ގްރީލިޝް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައިންނެވެ. މިއީ އޯގަސްޓް މަހަށްފަހު އޭނާ މި ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.
ފުރަތަމަ ހާފު ނިމެން 13 މިނެޓަށް ވެފައި ވަނިކޮށް 0-3 އަކަށް މެޗުގެ ނަތީޖާ ބަދަލުކޮށްދިނީ ރޮޑްރީ ދިން ރީތި ބޯޅައަކުން ވާތު ފައިން ކެވިން ޑިބްރޭނާ ބާރު ސްޕީޑްގައި ފޮނުވާލި ހަމަލާއިންނެވެ. ދެވަނަ ހާފު ފެށިގެން އައި އިރު ލީޑްސް ޔުނައިޓެޑުން ހަމަލާ އުފައްދަން މަސައްކަތްކުރި ނަމަވެސް ޖޯން ސްޓޯން ވަނީ އެޓީމުގެ ފޯވާޑުން ރަނގަޅަށް މާކުކޮށް ހަމަލާތައް ހުއްޓުވާފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި ސިޓީ އަށް ގޯލު ކާމިޔާބުކޮށްދިނީ ގުންޑަގަން ނަގައިދިން ޗިޕަކުން ގޯލުގެ ތިރީ ކަނަށް ފޮނުވާލި ހަމަލާއިން މަހްރޭޒްއެވެ. މިއީ އޭނާ އެކުބަށް ޖަހައިދިން 50 ވަނަ ގޯލެވެ.
މި މެޗުގެ އެންމެ ހިތްގައިމު ގޯލު ޖަހައިދިނީ މެޗުގެ 62 ވަނަ މިނެޓުގައި އޭރިއާގެ ބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ސިޓީގެ މޮޅު މިޑްފީލްޑަރު ޑިބްރޭނާއެވެ. އޭނާވަނީ މިރޭގެ މެޗުގައި ދެ ގޯލު ޖަހާފައެވެ. އޭގެ 12 މިނެޓުފަހުން އަނެއްކާވެސް ސިޓީ އިން ލީޑް ފުޅާކުރިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 27 އަހަރުގެ ސްޓޯންސްއެވެ. ޕޮޑެން ނަގައިދިން ކޯނަރަކުން ނަތަން އެކް ބޮލުން ގޯލެއް ޖަހާ މެޗުގެ ނަތީޖާ 0-7 އަކަށަ ބަދަލުކޮށްލިއެވެ.
ސިޓީ އިން ރޭ ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ލީޑްސް ޔުނައިޓެޑް ގެ ކުޅުން އެހެން މެޗުތަކަށް ވުރެ ދަށެވެ. ލީޑްސް އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ. ސިޓީ އިން މިރޭގެ މެޗުން ލިބުނު މޮޅާއެކު ހަތް ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ގާތަށް ވަނީ ޖެހިލައިފައެވެ.