15 Dec 2021, 01:46
ކޮވިޑް-19 ގެ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހީންނަށް ކަރަންޓީނު ނުވެ ސިންގަޕޫރަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖައްސައިފައިވަނީ ރާއްޖޭގެ ޓްރާސްޕޯޓް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީއާއި ސިންގަޕޫރުގެ ޓްރާންސްޕޯޓު މިންސްޓްރީއާ އެކު ކުރި މަޝްވަރާގެ ތެރެއިންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަރަންޓީނު ވުމަކާނުލައި ސިންގަޕުރަށް ދަތުރު ކުރެވޭނެއެވެ. މިގޮތަށް ދަތުރު ކުރެވޭނީ ޓްރެވަލް ލޭނުގެ ދަށުން ހާއްސަ ކޮށްފައިވާ ފްލައިޓުތަކުން އެކަންޏެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ވެކްސިނޭޓެޑް ޓްރެވެލް ލޭނެއް ޤާއިމްކުރުންpic.twitter.com/KjvWSBInfY
— Ministry of Transport and Civil Aviation (@MoTCAmv)December 14, 2021
ކަރަންޓީނު ވުމަކާ ނުލައި ރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރަން ހުއްދަ ދީފައިވާއިރު، ކޮވިޑް-19 ގެ އާ ވޭރިއަންޓް، "އޮމިކްރޮން"ގެ ނުރައްކާ އެންމެ ބޮޑުކަމަށް އެމެރިކާއިން އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެއެވެ.
ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުން ސިންގަޕޫރަށް ދަތުރު ކުރާއިރު ބޭނުންވާނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ސެޓްފިކެޓާއި ނެގެޓިވް ޕީސީއާރު ނަތީޖާއެވެ.