15 Dec 2021, 01:34
ރ. ވާދޫގައި ރިސޯޓެއް ތަރައްގީކުރަން ސިންގަޕޫރުގެ ކުންފުންޏަކަށް ތިން ހެކްޓަރުގެ ބިންދޫކޮށް ރިސޯޓު ހެދުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
ޓުއަރިޒަމްގެ ބޭނުމަކަށް 2016 ވަނަ އަހަރު ފާލަން ހޯލްޑިންގްސް އާއެކު ވެފައިވާ އެއްބަސްވުން ބަދަލުކުރުމަށްފަހު ސިންގަޕޫރުގެ އެމް ޓުވެންޓީ ހޮސްޕިޓާލިޓީ ވެންޗާސް ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކާ އަލުން ރިސޯޓެއް ތަރައްގީކުރުމަށް އެއްބަސްވެ ވަނީ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައެވެ.
މި އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނީ ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން ފާލަން ހޯލްޑިންގްސްއާއެކު ވެވުނު އެއްބަސްވުމުގެ އިންވެސްޓުމެންޓު ގެއްލުމާ ގުޅިގެން އެމް ޓުވެންޓީ ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޑެޓާ މަސައްކަތުގެ ލީސް ހަވާލުކުރުމަށް ފާލަން ހޯލްޑިންގްސްއިން އެދުމުންނެވެ.
އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ރިސޯޓް ހެދުމުގެ މަސައްކަތް ވާދޫ ކައުންސިލުން އެމް ޓުވެންޓީ ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކުރިއިރު އެ ކުންފުނިން ވަނީ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް ވާދޫ ކައުންސިލުން ވަނީ ޓުއަރިޒަމް މިނިސްޓްރީއާ ވެސް ބައްދަލު ކޮށްފައެވެ.
ހަތަރު ތަރީގެ ފެންވަރަށް ހަދާ މި ރިސޯޓު ނިމޭއިރު، މި ރިސޯޓުގައި 25 ބީޗު ވިލާއާއި 25 ގާޑަންވިލާ ހެދުމަށް ވަނީ ނިންމާފައެވެ.