ކިތަންމެ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް، މަގުޗާޓުގައިވާ މަޤްޞަދު ޙާޞިލު ކުރުމަށް ޓަކައި މަޝްވަރާގެ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންފައި ވަނީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކަށް އެމަނިކުފާނު މިއަދު ފޮނުއްވި ސިޓީފުޅެއްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި މި މާޗް މަހުގެ އެއް ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެއްސެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އެމްޑީޕީ އިން ހުރަސްއެޅުމާ ގުޅިގެން، ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުން މަޑުޖެހިފައިވީ ނަމަވެސް، މިހާތަނަށް ބޭއްވެވި ބައްދަލުވުންތަކުން އެދެވޭ ނަތީޖާ ވަނީ ޙާޞިލްވާން ފަށާފައިކަން ފާހަގަކުރައްވާފައިވެ އެވެ.

ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެވޭނީ، ޞުލްޙަވެރިކަމާ އެކު ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައި ވާހަކަ ދައްކަވައިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެގޮތުން، ސިޔާސީ ޕާޓީތަކުގެ މެދުގައި ފެށިގެން ކުރިއަށްދާ މަޝްވަރާތަކަކީ މިއަދު ފެންނަމުންމިދާ ގޮންޖެހުންތައް ޙައްލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްވަރާތަކެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސިޔާސީ ޕާޓީތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ސިޓީފުޅުގައި މަޝްވަރާ ބައްދަލުވުމުގައި ޕާޓީތަކުން މިހާތަނަށް އަދާކުރެއްވި ދައުރަށް ވެސް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.