14:30


ރާއްޖޭގައި ނިމިގެންދިޔަ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައްދަލުވުމުގައި، ތަރައްޤީވަމުން އަންނަ ހަ ޤައުމަކުން، ޖައްވަށް ދޫކުރާ ކާރބަން މަދުކުރުމަށް، ދުނިޔޭގެ ޤައުމުތަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ބޮޑެތި ލަނޑުދަނޑިތައް ކަނޑައަޅައިފި އެވެ.


މި ޖުލައި މަހުގެ 17 އިން 18 އަށް ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ބޭއްވުނު، ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި، ބައިވެރިވި ޤައުމުތަކުގެ ތެރެއިން އެންޓީގުއާ އެންޑް ބާބިއުޑާއާއި، ކޮސްޓަރީކާއާއި، އިތިއޯޕިއާއާއި، ދިވެހިރާއްޖެއާއި، މާޝަލް އައިލެންޑްސް އަދި ސަމޯއާއިން ވަނީ ޖައްވަށް ދޫކުރާ ގްރީންހައުސް ގޭހުގެ މިންވަރު ދަށްކޮށް، ތިމާވެށްޓާ ރައްޓެހި ގޮތުގައި ތަރައްޤީ ހާސިލް ކުރުމަށް ވަޢުދުވެފަ އެވެ.


ކާޓެހެއިނާ ގްރޫޕަކީ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުން ހަރުދަނާ ނަތީޖާއެއް ނެރުމަށް ބޭނުންވާ އަދި އެޤައުމުތަކުން ކާރބަން ބޭރުކުރާ މިންވަރު ދަށްކުރުމަށް އިސްކަންދޭ ހުރިހާ ޤައުމުތަކަށް މިކަންކަމާމެދު ބަޙުޘް ކުރުމަށް ހުޅުވާލެވިފައިވާ ނުރަސްމީ ގްރޫޕެކެވެ.


މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ސަމޯއާގެ މިނިސްޓަރ އޮފް ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަންމަންޓް ފައުމުއިނާ ޓިއާޓިއާ ވަނީ އެޤައުމަކީ 2020 ވަނަ އަހަރުގެ ކުރިން ކާރބަން ނިއުޓްރަލް ޤައުމަކަށްވުމަށް ނިންމާފައިވާކަން ހާމަކުރެއްވި އެވެ. އެމަނިކުފާނުގެ ވާހަކަގައި އެޤައުމުން ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަކީ، އެކަމުގެ ސަބަބުން ތިމާވެށްޓަށާއި، އެޤައުމުގެ އިޤްތިޞާދަށް އެކަމުގެ ފައިދާ ލިބޭނެ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި އިޢާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ކަރަންޓް އުފެއްދުމަކީ އަގުހެޔޮ ގޮތެއްކަމަށްވާނެ ކަމުގައި ވިދާޅުވި އެވެ.


މާޝަލް އައިލެންޑްސްއިން ވަނީ އެޤައުމުން ކާބަން ބޭރުކުރާ މިންވަރު، 2009 ވަނަ އަހަރު ހުރި މިންވަރުން 40 ޕަސެންޓް 2020 ވަނަ އަހަރު އަންނަންވާއިރަށް ދަށްކުރުމަށް ވަޢުދުވެފަ އެވެ. " 2008 ވަނަ އަހަރު ތެލުގެ އަގު އުފުލިގެންގޮސް، ތެޔޮ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހުސްވުމުގެ ސަބަބުން މާޝަލް އައިލެންޑްސްއިން ވަނީ ސްޓޭޓް އޮފް އިމަރޖެންސީ އިޢުލާން ކޮށްފަ އެވެ. އަޅުގަނޑުމެން އިމްޕޯޓް ކުރާ ތެލާ ދުރަށް މިދަނީ ހަކަތައިގެ ރައްކާތެރިކަން ބޮޑުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅުގަނޑުމެން އަދާ ކުރަންޖެހޭ ދައުރު އަދާކުރުމަށް" އެޤައުމުން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ފިލިޕް މުލާ ވިދާޅުވި އެވެ.


މި ބައްދަލުކުރެއްވުމުގައި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ބޯލްޑްވިން ސްޕެންސަރ ދެއްކެވި ވާހަކަފުޅުގައި، އެޤައުމުން ކާރބަން ބޭރުކުރާ ވަރު، 1990 ވަނަ އަހަރު ހުރި މިންވަރުން ހަތަރު ބައިކުޅަ އެއްބައި 2020 އަހަރު އައުމުގެ ކުރިން މަދު ކުރުމަށް ނިންމަވާފައިވާ ހާމަކުރެއްވި އެވެ.


މިއަދު ނިމުނު ކާޓެހެއިނާ ގްރޫޕް/ ޑައިލޮގް ފޮރ ޕްރޮގްރެސިވް އެކްޝަންގައި ބައިވެރިވެފައިވަނީ އެންޓީގުއާ އެންޑް ބާބިއުޑާ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ބެލްޖިއަމް، ކޮލަމްބިޔާ، ކޮސްޓަރީކާ، އިތިއޯޕިއާ، ފްރާންސް، ޖަރމަނީ، ގާނާ، އިންޑޮނޭޝިޔާ، މަލާވީ، ދިވެހިރާއްޖެ، މާރޝަލް އައިލެންޑްސް، މެކްސިކޯ، ނެދަރލެންޑްސް، ނިއުޒީލެންޑް، ނޯވޭ، ޕެރޫ، ސަމޯއާ، ސްޕެއިން، ޓެންޒޭނިއާ، ތައިލެންޑް، ޓީމޯރ-ލެސްތޭ، އުރުގުއޭ، އިނގިރޭސިވިލާތުގެ އިތުރުން، ޔޫރަޕިއަން ކޮމިޝަނުންނެވެ.