15 Dec 2021, 16:41
ނޭޝަނަލް އާޓް ގެލެރީގައި އޮތް "އަންވެއިލިންގ ވިޝަންސް" އާޓް އެގްޒަބިޝަންގައި ހުރި އެންމެ މާނަފުން ކުރެހުމަކީ އެއީއެވެ. އެ ކުރެހުމަށް ބަލަހައްޓައިގެން އަހަންނަށް ވެސް އެތައް އިރަކު ހުރެވުނެވެ.
"އެންމެންގެ ކަރުހިއްކުން ފިލުވާލަދޭ ވަރަށާއި އަދި މުޅި މީހާ ތެމޭވަރަށް އެބަހުރި؛ އެކަމަކު އެއަށްވުރެ "އަމިއްލަ އެދުން" ގަދައެވެ،"
ބޮޑު ފެން މީޓަރު
އެންމެންގެ ކަރުހިއްކުން ފިލުވާލަދޭ ވަރަށާއި އަދި މުޅި މީހާ ތެމޭވަރަށް އެބަހުރި؛ އެކަމަކު އެއަށްވުރެ 'އަމިއްލަ އެދުން' ގަދައެވެ.
Painted using oil paint on canvas#UV21@Maldivian_Art@NCA_MDV@MoACHmvpic.twitter.com/FGMrKT45wC— Kula Fihi (@Mustho_kulafihi)December 5, 2021
އެ ކުރެހުމުގެ ތަފްސީލުގައި ލިޔެލައިފައިވަނީ މިހެންނެވެ. ނަމަވެސް އެ ހިސާބަކުން ވެސް އެ ކުރެހުން އެ ބުނެދޭ، ފުން މާނައެއް އަހަންނަކަށް ނަގައެއް ނުގަނެވުނެވެ. އެހެންކަމުން ވަރަށް ފަރުވާތެރިކަމާއެކު އެއަށް ބަލަހައްޓައިގެން ހުރީއެވެ.
އެ ކުރެހުމަކީ "ކުލަފިހި"ގެ ކުރެހުމެކެވެ. ކުލަފިއްސަކީ މިހާރު ދިވެހީންނަށް އައު ނަމެއް ނޫނެވެ. އެއީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ހުނަރުވެރި، ފަންނުވެރި ކުރެހުންތެރިއެކެވެ. އެއީ އިތުރު ތައާރަފަކަށް ބޭނުން ނުވާ، ހދ. ކުޅުދުއްފުށީ، ލައިޓްހައުސް، މުސްތަފާ މުހައްމަދު (މުސްތޮ)އެވެ.
ކުރެހުމަށް ނަޒަރު ހުއްޓައިލައިގެން ހުއްޓާ އެތަނަށް މުސްތޮ އައެވެ. މުސްތޮއާ ބައްދަލުވުމާއެކު ފުރަތަމަ ވެސް އެ ކުރެހުމަށް ތައުރީފް ކޮށްލީމެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް ހިތްހެޔޮކަމާއި ގާތްކަމާއެކުގައެވެ.
އެންމެ ކުޑައިރުއްސުރެ ވެސް މުސްތޮޮއަކީ ވަށައިގެންވާ މާހައުލާމެދު ވިސްނާ ފިކުރުކުރާ މީހެކެވެ. އެފަދަ ވިސްނުންތައް އޭނާ ކުރެހުމުގެ ސިފައިގައި އަބަދުވެސް ގެނެސްދެއެވެ.
އެތައް އިރަކު ބަލައިގެން ވެސް ކުރެހުމުގެ ފޮރުވިފައިވާ މާނަ ނަގައި ނުގަނެވުމުން، މުުސްތޮ ގާތުގައި އަހާލީމެވެ.
"އަސްލު ޑިސްކްރިޕްޝަންގައި އޭނީ މާނަ އެނގޭ. އޭތި ދެން ތިލަ ކޮށްދެންޏާ ބުނާނީ އެންމެނަށް ވާވަރަށް އެބަހުއްޓޭ، ގުދުރަތީ ގޮތުން އެންމެނަށް ބޭނުންވާ އަސާސީ އެއްޗެހި. އެ އެއްޗެހި އަސްލު އެއްބަޔަކަށް ވެރިއެއް ނުކުރެވޭނެއޭ. އެ ވެރިކުރާ ކުރުން އަސްލު ވަރަށް އަމިއްލަ އެދުން ބޮޑުވީމަ ކުރާ ކަމެކޭ،" މޮސްތޮ ވާހަކަ ފެށިއެވެ.

މުސްތޮގެ ކުރެހުން ބައްލަވައިލެއްވުމަށް ރައީސް ޒިޔާރާތް ކުރެއްވުން -- ފޮޓޯ/ މުސްތަފާ މުހައްމަދު
މި ކުރެހުން ކުރަހަން ފެށުމުގެ ދެމަހެއްހާ ދުވަސްކުރިން އޭނާ ކުރެހުމުން ދައްކުވައިދޭން ބޭނުންވާ ކަންކަމާމެދު ވިސްނިއެވެ. އަދި އޭނާއަށް ލިބުނު އައިޑިއާތައް ނޯޓުކުރަމުން ދިޔައެވެ. މި ކުރެހުމަކީ އެ ހުރިހާ ހިޔާލުތަކެއް އެއްކޮށްގެން އޭނާ ކުރަހައިފައިވާ ކުރެހުމެކެވެ.
މުސްތޮގެ ކުރެހުމުން ދައްކުވައިދެނީ ބޮޑު ދެ ފެންމީޓަރެވެ. އެ ދެ ފެންމީޓަރަކީ ވަރަށް ބޮޑަށް ބާވެ ދަބަރު ޖަހައިފައިވާ ދެ ފެންމީޓަރެވެ. އަދި އެ ދެ ފެންމީޓަރު ދެމެދުގައި ތާށިވެފައިި ފެންފުޅިއެއް އިނދެއެވެ. އަދި އެ ފެން މީޓަރު ކައިރީގައި "ކުޑަކުޑަ" މީހަކު ހުންނަތަން ވެސް ފެނެއެވެ.
ޝައުގުވެރިކަމާއެކު މުސްތޮގެ ވާހަކަ އަޑުއަހަން ހުރެފައި އަހާލީމެވެ. ތާށިވެފައި އެ އިން ފެންފުޅި މާނަކޮށްދެނީ ކޯޗެއްތޯއެވެ. މުސްތޮގެ ވާހަކައިން އެނގުނީ އެއީ "ދިރިއުޅުން" ކަމަށެވެ.
ކުރެހުމަށް ރަނގަޅަށް ބަލައިލުމުން އަޅައިގަތީ ދެ ފެންމީޓަރު ދެ ވަރަކަށް ކުރަހައިފައިވާ ކަމެވެ. އޭގެ ފަހަތުގައި ވެސް ހިކުމަތެއް އެބައޮތެވެ. އެ ފެންމީޓަރުތައް ދައްކުވައިދެނީ ގުދުރަތީ ވަސީލަތްތަކެވެ.
މުސްތޮ ގަބޫލުކުރާ ގޮތުގައި ގުދުރަތީ ވަސީލަތްތަކަކީ އެންމެންގެ އެއްޗިއްސެވެ. އެހެންކަމުން އެ ވަސީލަތްތައް ދިނުމުގައި ހަމަހަމަކަން ގެންގުޅެން އެބަޖެހެއެވެ. އެކަމުގައި ހަމަހަމަކަން ނުގެންގުޅޭނަމަ އެހެން ކަންކަމުގައި ހަމަހަމަކަން ނެތް ވާހަކަ ދެއްކުމަކީ ބޭކާރު ކަމެކެވެ.
"އަސާސީ އެއްޗެހިން ހަމަހަމަކުރާށޭ ފުރަތަމަ، ފެނާއި ބިމާ ހުރިހާ އެއްޗެއް. މިހާރު ޖެހެނީ ފެނަށް ޕޭ ކުރަން. މިގޮތަށް ނިޒާމު ހެދި މީހުން ބޭނުންވާ ގޮތަށް މިއޮތީ ވެފައޭ. އެހެންވެ އަސްލު ހަމަހަމަ ނުވަނީ،" މުސްތޮ ބުންޏެވެ.
އޮއިލް ޕެއިންޓުން މުސްތޮ ކުރަހައިފައިވާ މި ކުރެހުމުގައި ދެ ފެންމީޓަރުގައި ވެސް، މީޓަރު ނަންބަރު ޖަހައިފައިވަނީ އެކޮޅުކޮޅުންނެވެ. އޭގެން ވެސް ބުނެދެނީ ލައްކަ ވާހަކައެވެ.

މުސްތޮ ކުރެހުން ތައްޔާރުކުރި އިރު ނަގައިފައިވާ ފޮޓޯއެއް --
އެ ކުރެހުމުގައި އެއް މީޓަރު ވަނީ ދަބަރަށްވެ ފައިބައިގެން ގޮސްފައެވެ. އެހެންކަމުން އެ މީޓަރު ފުރިހަމައެއް ނޫނެވެ. އެ މީޓަރުގައި ޖަހައިފައިވާ ނަންބަރުތައް ހުރީ އެކޮޅުކޮޅުންކަން ބަލައިލައިފި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެހެންކަމުން އެ މީޓަރު މަސައްކަތް ނުކުރާކަން އެއީ ޔަގީން ކަމެކެވެ.
އަނެއް މީޓަރަކީ ފެން ނުހިނގާ މީޓަރެކެވެ. އެ މީޓަރުގައި ޖަހައިފައިވާ ނަންބަރުތަކަކީ އެކޮޅުކޮޅުން ލިޔުނަސް ފާހަގަނުވާ ނަންބަރު ތަކެކެވެ. އެ ނަންބަރުތަކަކީ 061891 އެވެ. އެ ނަންބަރުތައް ކޮންމެ ކޮޅަކުން ލިޔުނަސް މާނައެއް ދޭހަވާނެއެވެ.
"އެ ނަންބަރުތައް ބަދަލެއް ނުކުރެވޭ ދޯ. އެކަމު ބަދަލު ނުކުރެވުނަސް ބޭނުމެއް ނުކުރެވޭ. އަރާކޮޅުން ފައިބައިގެން ދަނީ އެއްނު. ފެން ނަގާ ކޮޅެއް ނެތެއްނު މި މީޓަރަކު،" މުސްތޮ ކިޔައިދިނެވެ.
އެ މީޓަރު މުސްތޮ ދައްކުވައިދީފައިވަނީ އަބަދުވެސް ދައުރުވާ ގޮތަށް ހުރި މީޓަރެއް ކަމުގައެެވެ. ނަމަވެސް އެކަމަކަށް ނިމުމެއް ނެތްކަމަށް މުސްތޮ ބުންޏެވެ. އޭގެ ފަހަތުގައި ވެސް ވަނީ ފުން މާނައެކެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށޭ ބުނެ ކޮންމެ ސަރުކާރަކުން ވެސް އަޅަނީ ފްލެޓެވެ. ނަމަވެސް އެއީ ހަގީގަތުގައި ހައްލެއް ނޫނެވެ. ފްލެޓު ވާނީ އަޅާހާއެވެ. މުސްތޮ ގަބޫލުކުރާ ގޮތުގައި ގުދުރަތުން، އެންމެނަށް ވާވަރަށް ބިން އެބަހުއްޓެވެ.
"ހައްލެއް ގޮތަށް ދައްކަންވެގެން ވެރިން ކަންކުރާ ގޮތަކީ އެންޑްލެސް ކަންކަން. ދައްކަން ބޭނުންވަނީ އެ މީހުންނޭ ކަންކަކުރަނީ. އަސްލު ގުދުރަތީ ގޮތުން އެބަހުރި އެންމެނަށް ވާވަރަށް އެއްޗެހި. އެންމެން މި ކިޔަނީ މިއަދު ތިބި މީހުންނެއް ނޫން. ކުރިއަށް އޮތް ޖީލުތައް ވެސް،" މުސްތޮ ބުންޏެވެ.
ކުރެހުމުގެ ތިރީގައި ދައްކައިފައިވަނީ ނިކަމެތި ރައްޔިތު މީހާއެވެ. އެ ރައްޔިތު މީހާ ފެންބިލު ހިފައިގެން ދާނީ، ފެން މީޓަރު ކައިރިއަށެވެ. ނަމަވެސް މުސްތޮ ގަބޫލުކުރާ ގޮތުގައި އެއީ ހައްލެއް ނޫނެވެ.
ކުރެހުމަށް ޝައުގުވެރިކަމާއެކު ބަލާލުމުން ބިންމަތީގައި ވެލާތޮށިގަނޑެއް އޮތްތަން ފެނެއެވެ. އޭގެން މުސްތޮ އަނެއްކާ ވެސް އާ ވާހަކައެއް ކިޔައިދެއެވެ.
ކަނޑަށް ކުނި އެޅުމަކީ އަބަދުވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. މުސްތޮ ގަބޫލުކުރާ ގޮތުގައި މީހުން ކަނޑަށް ކުނި އަޅަނީ، އެއީ ތިމާގެ އަމިއްލަތަނެއް ކަމުގައި އިހުސާސް ނުކުރެވޭތީއެވެ. އެއީ އެންމެންގެ ވެސް ތަނެއްކަން އިހުސާސް ކުރެވޭނަމަ މޫދަށް މީހުން ކުނި ނާޅާނެކަމަށް އޭނާ ގަބޫލުކުރެއެވެ.
"މިސާލަކަށް މި މަގަކީ ވެސް އަހަރެމެންގެ ތަނެކޭ. ކަނޑަކީ ވެސް އަހަރެމެންގެ އެއްޗެކޭ. އެކަމަކު އަމިއްލަ ފީލް އަންނަނީ އަމިއްލަ ގެއެއް ގަނެވުނީމަ އެކަނި. އެކަމަކު ކަނޑަކީ ވެސް، މަގަކީ ވެސް އެންމެންގެ އެއްޗެއް،" މުސްތޮ ކިޔައިދިނެވެ.
އަންވެއިލިން ވިޝަންސް މައުރަޒުގައި ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރުވެރިކަން ވަނީ ދައްކާލާފައެވެ. އެތަނަށް ވަންނަ ކޮންމެ މީހަކު ވެސް އެ ކުރެހުންތައް ފެނި އާޝޯހު ވާނެއެވެ.
މުސްތޮ ދެކޭ ގޮތުގައި ރާއްޖޭގެ ފަންނުވެރިންގެ މަސައްކަތް އަބަދުވެސް ފެންނަ ގޮތަށް ބެހެއްޓޭނެ ގޮތެއް ވާން އެބަޖެހެއެވެ.
"މިހާރު އަހަރަކު އެއްފަހަރު އެގްޒިބިޝަން ބޭއްވެނީ. އަސްލު އާޓިސްޓުންނަށް އާޓް ވިއްކާ، އެގްޒިބިޓްކޮށް ދާއިރާ އެހެން ލެވެލްއަކަށް ދާން ވަރަށް މުހިންމުކަމެއް އަބަދުވެސް ފަންނުވެރިންގެ މަސައްކަތް ފެންނަގޮތަށް ހުރުމަކީ،" މުސްތޮ ބުންޏެވެ.

"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަންގައި މުސްތޮގެ ކުރެހުން -- ސަންފޮޓޯ/ މުހައްމަދު ހައްޔާން
މި އަހަރުގެ އަންވެއިލިން ވިޝަންސް މައުރަޒަށް ވަން ކޮންމެ މީހެއްގެ ލޮލުގައި ވެސް މުސްތޮގެ މި ކުރެހުން އަޅައިގަންނާނެއެވެ. އެ ކުރެހުމަށް ނަޒަރު ހުއްޓޭނެއެވެ. ކުރެހުމުން މުސްތޮ ކިޔައިދީފައިވަނީ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށް ވާތީއެވެ.