14 Dec 2021, 23:20
ސްވިޑެންގެ ޑިފެންޑަރު ވިކްޓާ ލިންޑްލޮފަށް ނޭވާ ލުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން އިތުރު ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށް އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ.
ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީއާއި ޔުނައިޓެޑް ކުޅުނު މެޗު 0-1 ގެ ނަތީޖާއަކުން ނިމުނުއިރު، ލިންޑްލޮފް ވަނީ އެ މެޗުގެ ދެވަނަ ހާފުގައި އެރިކް ބެއިލީއާ ބަދަލުކޮށްފައެވެ. އެކުލަބުން ބުނިގޮތުގައި ލިންޑްލޮފް ބަދަލުކޮށްފައިވަނީ އެ މެޗުގައި އޭނާގެ ބަނޑަށް އުނދަގޫވެ އިތުރަށް ކުޅެން އުނދަގޫވެގެންނެވެ.
މިކަމާ ގުޅިގެން އެކުލަބުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ލިންޑްލޮފްގެ ސިއްހީ ހާލަތާ ގުޅިގެން ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށާއި އަދި އެ ބައްޔަކީ ކޮވިޑް 19 އާ ގުޅުމެއް ހުރި ބައްޔެއް ނޫން ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗުގައި ލިންޑްލޮފް ދަނޑުން ބޭލުމަށްފަހު-
"ވިކްޓާ އަށް ނޭވާގެ މައްސަލަ ދިމާވުމުން ޕްރެކޯޝަނަރީ އިންވެސްޓިގޭޝަނެއް ކުރިއަށް އެބަގެންދޭ. އެގޮތުން ވަރަށް ގިނަ ޓެސްޓް ތަކެއް އަންނަނީ ހަދަމުން. އެހެންނަމަވެސް، ނޯވިޗް މެޗުގައި އޭނާއަށް ދިމާވި ކަންކަމަށް ވަނީ ކޮންމެވެސް ވަރެއްގެ ފަރުވާ އެއް ހޯދިފައި. މިއީ ކޮވިޑް ބަލީގެ ސަބަބުން އޭނާ އަށް ވީ ކަމެއް ނޫން،" ޔުނައިޓެޑުން ބުންޏެވެ.
ޔުނައިޓެޑާ ދާދި ފަހުން ހަވާލުވި ކޯޗު ރަލްފް ރަންގްނިކް އެ މެޗަށްފަހު ބުނެފައިވަނީ ދިހަ މިނެޓަށްވުރެ ގިނަ އިރަށް އޭނާގެ ހިތުގެ ވިންދު ވަނީ އާންމު ރޭޓަށްވުރެ އިތުރުވެފައި ކަމަށާއި ލިންޑްލޮފް ހުރީ ކުއްލި ސިހުމެއްގައި ކަމަށްވުމުން އޭނާ ބަދަލު ކުރީ ކަމަށެވެ.
"ލިންޑްލޮފަށް ވެސް ނޭނގޭ އޭނާއަށް ވީ ކިހިނެތް ކަމެއް. އަހަރެންނަށް ހީވަނީ އޭނާ އެހެން ކުޅުންތެރިޔަކާ ކޯލިޝަން ވުމުން ނޭވާ ލުމުގައި މައްސަލަތް ދިމާވީ ކަމަށް. 10 މިނެޓަށްވުރެ ގިނަ އިރަށް އޭނާގެ ހިތުގެ ވިންދު ހުރީ ނޯމަލް ރޭޓަށްވުރެ މަތީގައި. އޭނާ ވެސް ހުރީ ޝޮކެއްގައި. އެހެންމެ އޭނާ ބަދަލުކުރަން ޖެހުނީ،" ކޯޗު ބުންޏެވެ.
އެ ޓީމުގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ބުނެފައިވަނީ އެމަންޒަރަކީ އޭނާ އަށް ބަލަން އުނދަގޫ މަންޒަރެއް ކަމަށާއި، އެ މަންޒަރު ފެނުމުން އޭނާގެ ހިިޔާލަށް އަންނަނީ މިއަހަރުގެ ޔޫރޯގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސެން އަށް ދިމާވި ހާދިސާ ކަމަށެވެ.
"އަހަރެމެނަށް ފެނިފައިހުރީ އެރިކްސަން އަދި އަގުއޭރޯއަށް ވެސް މިކަހަލަ ގޮތްތަކެއް ދިމާވި މަންޒަރު. ކުޅުންތެރިންނަށް އެފަދަ ކަންކަން ދިމާވާއިރު މިއީ ވަރަށް ބަލަން އުނދަގޫ މަންޒަރެއް. އަހަރެން އުންމީދު ކުރަނީ އޭނާ ރަނގަޅުވާނެ ކަމަށް،" ޑެހެއާ ސްކައީ ސްޕޯޓްސްއަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ.
ނޯވިޗްގެ ދަނޑުގައި ކުޅުނު މެޗަށްފަހު ޔުނައިޓެޑުގެ ބައެއް ކުޅުންތެރިންނާ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން، ޕްރިމިއާ ލީގުގައި ދެން ކުޅެން ޖެހިފައިވާ މެޗު ވަނީ ފަސްކޮށްފައެވެ.