ތެހެރާން (ޑިސެމްބަރު 14): އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތް ކުރެއްވުމުން އެކަމުގެ ނުރައްކާތެރިކަން ހާމަކޮށް އީރާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އަނިޔާވެރި އިސްތިއުމާރީ ބާރެއްކަމަށްވާއިރު އަރަބި ބައެއްގައުމުތަކުން އިސްރާއީލާ ގުޅުންތައް ގާއިމްކުރުމަކީ ސަރަހައްދަށާ އަދި ފަލަސްތީނުގެ ހައްގުތަކަށް އޮތް ބޮޑު ނުރައްކަލެއްކަމުގައެވެ.

އިސްރާއީލާ ގާތްވެގެން އަރަބި އެއްވެސް ގައުމަކަށް އަމާންކަން ނުލިބޭނެކަމަށާއި އިސްރާއީލު މަސައްކަތްކުރަނީ ފަލަސްތީނުގެ ބިމާއި ހައްގުތަކަކީ ނެތްއެއްޗަކަށް ހަދައި ފަލަސްތީނުގެ މައްސަލަ އޮއްބާލައި އަރަބިންނަށް އޮތް ނުރައްކަލަކީ އީރާންކަމަށް ހަދައި ހަގީގަތް އޮޅުވާލައި އީރާން ފޯބިއާ އުފެއްދުމަށް ކަމަށްވެސް އީރާނުގެ ބަޔާން ބުނެއެވެ.

އިސްރާއީލާ ގުޅުންތައް އުފެއްދުމާ ބެހޭގޮތުން އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓްތަކުން ނިންމާފައިވަނީ އިސްރާއީލާ ގުޅުންތައް އުފެއްދޭނީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއިން ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ހައްގު އިސްރާއީލު ދިނުމުންކަމުގައެވެ.

ނަމަވެސް މިނިންމުންތަކާ މުޅިން ޚިލާފަށް ޔޫއޭއީއާއި ބަހްރައިން އަދި މަޣްރިބް (މޮރޮކޯ) އިންވަނީ އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ އެންމެފަހު ދުވަސްތަކުގައި އެމެރިކާގެ ރިއާޔަތުގެ ދަށުން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައެވެ. އެއަށްފަހު އެމެރިކާގެ ޕްރެޝަރުތަކާ ގުޅިގެން ސޫދާނުންވެސް އިސްރާއީލާ ގާތްވިއެވެ. ނަމަވެސް ފުރިހަމަ ޑިޕްލޮމެޓިކް ގުޅުންތައް އަދި ގާއިމްކޮށްފައެއް ނުވެއެވެ.

އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުންތައް އުފެއްދުމަށްފަހު ޔޫއޭއީ ގެންދަނީ އިގްތިސާދާއި ވިޔަފާރިއާ އަދި ދަތުރުފަތުރުގެ ގުޅުންތައްވެސް އިސްރާއީލާއެކު އުފައްދަމުންނެވެ. އިސްރާއީލުގެ ބައެއްވަޒީރުންވެސް ފާޅުކަންބޮޑު ގޮތެއްގައި ފާއިތުވި މަސްތަކުގައި ޔޫއޭއީ އަށް ވަޑައިގެންފައިވެއެވެ. އިއްޔެ އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މިވަނީ ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު އާ ބައްދަލުކުރައްވާފައެވެ.

ޔޫއޭއީ އެއްކޮޅުން އިސްރާއީލާ ގުޅުންތައް ބަދަހިކުރިނަމަވެސް އަނެއްކޮޅުން ގެންދަނީ އިސްރާއީލުގެ އެންމެބޮޑު ދުޝްމަންކަމަށްވާ އީރާނާވެސް ވަރަށް ބޮޑަށް ގާތްވެ އީރާނާއެކު އޮންނަ ގުޅުންތައް ބަދަހިކުރަމުންނެވެ. މިދޔަ ހަފްތާގައި ޔޫއޭއީގެ ރައީސާއި ވަލީއުލްއަހްދުގެ ކޮއްކޯފުޅު އަދި އެގައުމުގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ތަހްނޫންބިން ޒާޔިދު ވަނީ އީރާނަށް ވަޑައިގެން އީރާނުގެ ރައީސް އާއި އީރާނުގެ އިސް އެތަށް މަސްއޫލުވެރިއަކާ ބައްދަލުކުރައްވާފައެވެ.

މިދަތުރުފުޅުގައި ޔޫއޭއީ ވަނީ އީރާނާއެކު ވިޔަފާރިއާއި އިގްތިސާދީ ގުޅުންތަކާބެހޭ އެއްބަސްވުންތަކެއްގައިވެސް ސޮއިކޮށްފައެވެ. އަނެއްކޮޅުން އަންނަ ހަފްތާގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީ ޔޫއޭއީ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އެމެރިކާ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި އީރާނާ ވިޔަފާރީގެ މުއާމަލާތް އެެންމެ ބޮޑަށް ކުރާ ގައުމަކީވެސް ޔޫއޭއީއެވެ. މިކަމުގެ ސަބަބުން އީރާނަށް ބޮޑު ފައިދާއެއްލިބެއެވެ. ނަމަވެސް އިސްރާއީލާ ގުޅުން އުފައްދާފައިވާތީ އެކަމާދެކޮޅަށް އެމެރިކާ އަޑުއުފުލިނަމަވެސް ޔޫއޭއީ އަށް އަދަބު ދޭން އެމެރިކާ ގެންދަނީ ފަސްޖެހެމުންނެވެ.

ޔޫއޭއީ އީރާނާ ގާތްވެ ގުޅުންތައް ބަދަހިކުރުމަކީ އިސްރާއީލުވެސް ވަރަށް ބޮޑަށް ރުޅިއަންނަ ކަމެކެވެ. ނަމަވެސް މިކަމަށް ޔޫއޭއީ ގެ މަސްއޫލުވެރިން އަޅައެއް ނުލައްވައެވެ. ޔޫއޭއީ އެއްކޮޅުން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައި އަނެއްކޮޅުން އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާނާ ގާތްވެ ގުޅުންތައް ވަރުގަދަ ކުރަމުން ގެންދަނީ ސްޓްރެޓީޖިކް ކަމަކަށްވުރެ ރޭވުމެއްގެ ދަށުން ޔޫއޭއީގެ އަމިއްލަ ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށް މުހައްލިލުން ދެކެއެވެ. މިހާފުށުއަރާ ދެކަންތައް ޔޫއޭއީފަދަ މުއްސަނދި ނަމަވެސް ކުޑަ ގައުމަކަށް މެނޭޖުކުރެވޭނެތޯވެސް މުހައްލިލުން ސުވާލު އުފައްދަވައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށް ފަލަސްތީނުގެ ހައްގުތައް އަރައިގަނެ ހަނގުރާމަކޮށް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އންތިހާއަށް އަނިޔާވެރިވަމުންދާއިރު ޔޫއޭއީ ފަދަ ބައެއް އަރަބި ގައުމުތަކުން އިސްރާއީލާ ގުޅުންތައް ގާއިމްކުރާ މައްސަލާގައި އެގައުމުތަކުގެ ރައްޔިތުން ގެންދަނީ ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރަމުންނެވެ. މިގޮތުން މަޣްރިބް، ބަހްރައިން، އަދި ސޫދާނުގައި މިކަމާދެކޮޅަށް އެތަށް މުޒާހަރާތަކެއް ކޮށްފައިވެއެވެ. އަދި މަޣްރިބްގައި މިހާރުވެސް ގެންދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިކަމާދެކޮޅަށް ރައްޔިތުން މުޒާހަރާތައް ކުރަމުންނެވެ.

އިސްރާއީލާ ގުޅުންތައް ގާއިމްކުރުމަކީ އެމެރިކާގެ ރުހުމާއި އެމެރިކާއަށް ބާރުފޯރުވާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ރުހުން ލިބޭކަމަކަށްވާތީ އިސްރާއީލާ ގުޅުންތައް ގާއިމްކުރާ އަރަބި ވެރިންގެ މަގްސަދަކީ މިރުހުން ހޯދައިގެން އެބޭފުޅުންގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތައް ދެމެހެއްޓުންކަމަށް މަސްރަހު ދިރާސާކުރާ މުހައްލިލުންނާއި އެގައުމުތަކުގެ އިިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އަދި އަރަބި ބައެއް ވެރިން އެބޭފުޅުންގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަނެ އެބޭފުޅުންގެ ފަރުދީ އަދި އާއިލީ ވެރިކަން ދަމަހައްޓައި ޑިމޮކްރަސީ ގެނައުމުން ސަލާމަތްވާނެ ހަމައެކަނިގޮތަކީ އިސްރާއީލާ ގުޅުންތައް އުފައްދައި އިސްރާއީލުގެ ހމާޔަތް ހޯދުންކަމަށްވެސް އެގައުމުތަކުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ޔޫއޭއީ އަށް ވަޑައިގެންފައި މިވަނީ ވިއެނާގައި ކުރިޔަށްދާ އީރާނުގެ ނިއުކްލިޔާ ވާހަކަތަކަށް ބާރު ފޯރުވުމަށްޓަކައި އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ ހަރުކަށި އިންޒާރުތަކެއް ދެމުން ގެންދާ ދަނޑިވަޅެއްގައެވެ. އީރާނުންވަނީ އެގައުމަށް ހަމަލާ ދީފިނަަމަ އިސްރާއީލު ބިމާހަމަކޮށްލައި ވުޖޫދުން ފުހެލާނެކަމަށް ބުނެފައެވެ.