06 Mar 2012, 21:49
ސަރަޙައްދީ ބަނދަރުތަކުން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީން މިހާރު ދެއްވަމުން ގެންދަވާ 30 ޕަސެންޓްގެ ޢިނާޔަތުން ދުންފަތުގެ ބާވަތްތައް އިސްތިސްނާ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެކަން އެގޮތަށް ނިންމެވީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅެންއޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ، ދުންފަތުގެ ބާވަތުގެ އަގު މަތިކުރުން ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ވާލްޑް ބޭންކުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަން ފާހަގަކޮށްފައިވާ ކަމަށް މެންބަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާ ޒުވާނުންނާއި މީހުންގެ އަދަދު މަދުކުރުމުގެ ގޮތުން ދުންފަތުގެ ބާވަތްތަކުން ނެގޭ ޓެކްސް ބޮޑުކުރުމާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދުންފަތުގެ ޞިނާޢަތުގެ ނުފޫޒުން ސަލާމަތް ކުރުމަކީ ވެސް މުހިންމު ކަމެއްކަމަށް މެންބަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ދުންފަތަށް ޚާއްޞަ މިންވަރެއް ކަނޑައެޅިގެން ނެގޭ ހަމައެކަނި ޓެކްސްއަކީ އިމްޕޯޓް ޑިއުޓީ ކަމަށްވެފައި އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ގެނެސްފައިވާ ނުވަ ވަނަ އިޞްލާޙު، ދިވެހިރާއްޖެ އަށް އެތެރެކުރެވޭ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ވަނީ އިތުރުކޮށްފަ އެވެ. އެހެން ނަމަވެސް، ސަރަޙައްދީ ބަނދަރުތަކަށް އެތެރެކުރާ މުދަލުން 30 އިންސައްތަ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބޭއްވި ކެބިނެޓްގެ ޖަލްސާއިން ނިންމަވައި އެ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެކަން ތަންފީޛުކުރަން ވަނީ ފަށައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރަޙައްދީ ބަނދަރުތަކުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީއަށް ލުޔެއް ލިބިގެން ދިޔުމަކީ، ދުންފަތުން ނެގޭ އިމްޕޯޓް ޑިއުޓީ މަތިކުރުމުގެ މަޤްޞަދާ މުޅިން ޚިލާފު ކަމެއް ކަމަށް، މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު 203.5 މިލިއަން ސިނގިރެޓް އެތެރެކޮށްފައި ވަނީ، 30 ޕަސެންޓްގެ ޑިއުޓީ ޢިނާޔަތާ އެކުގަ އެވެ. ރާއްޖެ އަށް އަހަރަކު އެވްރެޖްކޮށް އެތެރެކުރަނީ 346 މިލިއަން ސިނގިރެޓް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖެ އަށް އެތެރެކުރާ ސިނގިރެޓްގެ ގިނަ ޢަދަދެއް އެތެރެކުރަނީ ސަރަޙައްދީ ބަނދަރުތަކުން ފުލް ޑިއުޓީ ނުދައްކާކަން އެކަމުން ދޭހަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދުންފަތުގެ ބާވަތްތައް، ސަރަޙައްދީ ބަނދަރުތަކަށް ބޭލުމަށް ފަހު، 30 ޕަސެންޓް އިމްޕޯޓް ޑިއުޓީ ރިބޭޓެއް ލިބޭ ގޮތަށް އޮތުމަކީ، ދުންފަތުގެ ބާވަތްތަކުގެ ރީޓެއިލް އަގުހެޔޮވެ، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބޭނެ މަގުފަހިވެގެންދާނެ ކަމެއްކަން ވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިހާތަނަށް ސަރަޙައްދީ ބަނދަރުތަކަށް މުދާ ބާލާ ނިސްބަތުން އެންމެ ގިނައިން ބާލަނީ ދުންފަތުގެ ބާވަތްތައްކަން ވެސް، މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ކަމަށެވެ.