ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް، ޒަކާތު ފަންޑުން ސްކޮލަޝިޕް ދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައި 20 މިލިއަން ރުފިޔާ ސްކޮލާޝިޕަށް ހަރަދުކުރެއްވުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން މިއަދު އެގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކުދިންގެ ތެރެއިން އެ ފުރްޞަތު ލިބިފައިނުވާ ކުދިންނަށް ޒަކާތު ފަންޑުން އެ ފުރްޞަތު ތަނަވަސްކޮށްދިނުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އެފެއާޒުން ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރްޞަތު ވަރަށް އަވަހަށް ހުޅުއްވާލެއްވުމަށް ވެސް މިއަދުގެ ޖަލްސާ އިން ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.