އާދީއްތަ ދުވަހުގެ ރޭ ޓެކްސީއެއްގެ ޑިކީ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މިހާތަނަށް 119 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ފުލުހުން އަތުލައިގަތީ 28 ޕެކެޓު މަސްތުވާތަކެތި ކަމަށެވެ. އަދި މިހާރު ހެރޮއިން ކަމަށް ބެލެވޭ އިތުރު 91 ޕެކެޓު ވެސް ހޯދައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ހޯދި މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން

އެހެންކަމުން މި ދެ ދުވަހުގެ ތެރޭގައި ފުލުހުން ހޯދި ޑްރަގް ޕެކެޓުތަކުގެ އަދަދު 119އަށް އަރާ ކަމަށާއި އޭގެ ބަރުދަން 119 ކިލޯއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާފަތްތަކުރުފާނުމަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ. އަދި މަސްތުވާތަކެތި ހޯދީ AB1A T8977 ޓެކްސީން ކަން ވެސް "ސަން"އަށް ވަނީ ކަށަވަރު ވެފައެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ފުލުހުން އެ ކާރުގެ ޑިކީ ތެރެއިން ނެގީ ބޮޑު ފޮއްޓެކެވެ. އަދި އެ ފޮށި ހުޅުވުމަށްފަހު ސެލޯފިން ބޭނުންކޮށްގެން ބަންދުކޮށްފައި ހުރި އެއްޗެހިތަކެއް ނެގިކަމަށް ވެސް އޭނާ ކިޔައިިދިނެވެ.

މި ފަހަކަށް އައިސް ފުލުހުން ވަނީ އެކި އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެ އާއި ހުޅުމާލޭގެ 10 ތަނަކާއި ސަފާރީއެއް ބަލައި ފާސްކޮށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

ހަމައެހެންމެ އެ މަހުގެ 15 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ރާއްޖެއަށް އެތެރެކުރި 215 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައެވެ.