ކުޑަކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއް ދެން ހިންގޭނީ ރަޖިސްޓްރީ ކޮށްގެން ކަމަށް ބަޔާންކޮށް، ސްކޫލް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓްރީ ކުރުމާއި ހިންގުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކޮށްފައިވާ އެ ގަވައިދުގައި ވާގޮތުން، މީގެ ކުރިން ރަޖިސްޓްރީ ނުކޮށް ކިޔަވައިދެމުން ދިޔަ ތަންތަން، އިއްޔެއިން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. އަދި މީގެ ކުރިން ރަޖިސްޓްރީ ކޮށްގެން ކިޔަވައިދެމުން ދިޔަ ތަންތަން 20 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން، 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ އެއްވެސް ތަނެއް ރަޖިސްޓްރީ ނުކޮށް ހިންގުމަކީ މަނާކަމެކެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނަމަވެސް، އެތަނުގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމް ނޫން އެހެން ޕްރޮގްރާމްތައް ހިންގުން މަނާވާނެއެވެ.

އެހެންކަމުން، ރަޖިސްޓްރީ ނުކުރާ ތަންތަން ވަގުތުން ބަންދުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިފައިވާކަމަށް އެ ގަވާއިދުގައި ބުނެއެވެ. އަދި އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަންވެސް ގަވާއިދުގައި ވަނީ ފާހަގަކޮށްފައެވެ.

ތައުލީމީ ގާނޫނުގައިވާ 'މުދައްރިސުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު' އެކުލަވައިލުމުން، ކިޔަވައިދޭ ތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންވެސް ރަޖިސްޓްރީކޮށް ލައިސަންސް ހޯދަން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ސްކޫލްތައް ފިޔަވައި، ކިޔަވައިދޭ އެނޫން ތަންތަނުގެ ގޮތުގައި މި ގަވާއިދުގައި ބުނެފައި ވަނީ ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަނާއި ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަނުގެ އިތުރުން ޓިއުޝަންދޭ ތަންތަނާއި ގުރުއާން ކްލާސްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީނު ދޭ ތަންތަނެވެ.

މީގެ އިތުރުން، 18 އަހަރުން ދަށުގެ ކުދިންނަށް ދެވޭ ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ އެހެނިހެން ތަންތަންވެސް މި ގަވާއިދުގައި ހިމެނެއެވެ.

ހަމައެއާއެކު މި ގަވާއިދުގެ ދަށުން، ކިޔަވައިދޭ ތަންތަނަށް ކުދިން ވެއްދުމާއި ވަކި ކުރުމުގެ އުސޫލު އެ ތަންތަނުގައި އެކުލަވާލާފައި އޮންނަން ޖެހެއެވެ. އަދި ކުދިން ވެއްދުމަށް އެދޭ ފޯމު ދޫކުރާއިރު، ކުދިން ވެއްދުމާއި ވަކި ކުރުމުގެ އުސޫލު ބެލެނިވެރިންނަށް ލިޔުމުން ދޭން ޖެހެއެވެ.

މީގެ އިތުރުން، ކިޔަވައިދޭ ތަންތަނުން ނަގާ ފީއަކީ، މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކޮށްފައިވާ ފީއަކަށް ވާންޖެހެއެވެ.

އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ގަވާއިދު ޝާއިއު ކުރުމާ ގުޅިގެން، މިހާރު އެ ގަވާއިދަށް އަމަލުކުރަން ވަނީ ފަށާފައެވެ.