ރާއްޖޭގައި އަލަށް ގާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ތަރައްގީކުރުމަށް އަބޫދާބީ ފަންޑުން 14 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއިން ނަގައިފިއެވެ.

އަބޫދާބީ ފަންޑުން ކުރި ޓްވީޓެއްގައި މިރޭ ބުނީ ކުނިން ހަކަތަ އުފައްދާ ޕްލާންޓު ގާއިމްކުރުމަށް ބޭނުންވާ ލޯނު ރާއްޖެއަށް ދޫކުރުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުނިން 10 އިންސައްތަ ކުޑަކުރުމަށާއި، 6000 ގޭބިސީއަށް ކަރަންޓު ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ ރާއްޖޭގައި ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށް އެ ފަންޑުން ބުނެއެވެ.

މި ކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އަބޫ ދާބީ ފަންޑުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

ފަންޑުގެ އެހީގައި މުހިންމު ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުން އަންނަ ކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން 100 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މި މަޝްރޫއުގެ ސަބަބުން ކާބަން ނިއުޓްރަލް ކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.