13 Dec 2021, 22:03
ޒުވާނުންނަކީ ގައުމަށް ބޭނުންތެރި، އުފެއްދުންތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުވައްމުލަކު ސިޓީ ދޫޑިގަން އަވަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ކޮށްފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އަލި އަޅުވައިލައިފައެވެ. އެގޮތުން މަގު ހެދުމާއި، ސުކޫލުތަކުގެ އިތުރުން ހޮސްޕިޓަލުގެ ވާހަކަ ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތައް ކުރިއަށްދާ ކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ރައްޔިތުން އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ހާއްސަކޮށް އަޅުގަނޑުމެން މިއަދު ވިސްނާލަން އެބަޖެހޭ، ފުންކޮށް އެބަ ވިސްނަން ޖެހޭ ކަމެއް އެބައޮތް، އަޅުގަނޑުމެން ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ވަބާއަކީ މަސްތުވާތަކެތީގެ މައްސަލަ. މިއީ އަޅުގަނޑުމެން އެންމެން އެކުގަ މަސައްކަތްކޮށް، ހައްލު ހޯދަން ޖެހޭ މައްސަލައެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާގެ ކަންކަން އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވިފައިވާ ނުވާތީ އެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ.
ހަމައެހެންމެ މިކަމުން އަރައިގަނެ، ޒުވާނުންނަކީ ގައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޒުވާނުންނަކީ ބޭނުންތެރި، ފުދުންތެރި، އުފެއްދުންތެރި، ގައުމަށް ހިދުމަތް ކޮށްދޭ ފަދަ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ހުރިހާ ކަންތައްތަކެއް ވެސް އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.