ދ. ކުޑަހުވަދޫ ސަމަންދަރުގޭ، އަލީ ހަސަން(އައްޔުބެ)ގެ މެޔަށް ދަގަނޑުޖަހައި ތޫނު އެއްޗަކުން ކަރުބުރިކޮށްލައި ރަހުމްކުޑަ ގޮތަކަށް އޭނާމަރާލި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވީ އައްޔުބޭގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަސް މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ.

"އިއްޔެ އަޅުގަނޑުމެން ވާނީ އެ މައްސަލައިގައި [އައްޔޫބޭ މަރާލި މައްސަލައިގައި] ތުހުމަތު ކުރެވޭ ފަސް މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އައްޔުބޭގެ މަރުގެ މައްސަލައިގައި އިއްޔެ ޝަރީއަތަށް ފޮނުވި ފަސް މީހުންގެ ތެރޭގައި ދެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
އައްޔުބޭގެ މަރުގެ ތުހުމަތުގައި ހިމެނޭ ކުޑަ ދެ ކުދިންގެ މައްސަލަ ފޮނުވާފައި ވަނީ ޖުވެނައިލް ކޯޓަށެވެ. އަނެއް ތިން މީހުންގެ މައްސަލަ ފޮނުވާފައި ވަނީ ކްރިމިނަލް ކޯޓަށެވެ.

އައްޔުބޭގެ މަރުގެ ތުހުމަތުގައި ފުލުހުން ވަނީ ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އެމީހުންނާ ބެހޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މާލެ ގެނެސްފައި ވަނީ އައްޔުބޭގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ކުޑަކުއްޖަކާއި، ކުޑަހުވަދޫ، ފަނަސް ފައުޒާމް މުހައްމަދު އަދި އެ ރަށު ރަނަކުރި އިބްރާހިމް މާޖިދު އެވެ.
ފުލުހުން ބުނީ އައްޔުބޭގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެންމެން ވެސް މިހާރު ތިބީ ކޯޓު އަމުރަކާ އެކު ފުލުހުންގެ ހައްޔަރުގައި ކަމަށެވެ.