13 Dec 2021, 20:54
ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ގުރުއަތުލުން އަލުން ބޭއްވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިންގެ ލަލީގާ އެންމެ ގިނަ ފަހަރު ކާމިޔާބުކުރި އެޓްލެޓިކޯ މެޑްރިޑް ކުޅެން ޖެހިއްޖެއެވެ.
މި މުބާރާތުގެ އެންމެ ފުރަތަމަ ބޭއްވި ގުރުއަތުލުމުގައި، ޔުނައިޓެޑް ކުޅެން ޖެހުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި ލިއޮނެލް މެސީ ކުޅެމުން އަންނަ ޕީއެސްޖީއާއެވެ. އެހެންނަމަވެސް، ޓެކްނިކަލް މައްސަލައެއް ދިމާވެ، ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުން އިސްނަގައިގެން އަލުން ގުރުއަތުލުން ބާއްވަން ގިނަ ޓީމުތަކުން ޕްރެޝަރު ކުރުމުން ޔުއެފާ އިން ނިންމީ އަލުން ގުރުއަތުލުން ކުރިއަށް ގެންދާށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ގުރުއަތުލުން ރަނގަޅަށް ކުރިއަށް ގެންދިޔަނަމަ ޔުނައިޓެޑުން ކުޅެން ޖެހޭނީ އެތްލެޓިކޯއާއެވެ. ފުރަތަމަ ބޭއްވި ގުރުއަތުލުމާ ގުޅިގެން ގިނަ ޓީމުތަކުން ވަނީ ގުރުއަތުލުމަށް ފާޑު ކިޔާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔުއެފާ ހެޑްކުއާޓާގައި އެންމެ ފުރަތަމަ ބޭއްވި ގުރުއަތުލުމުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ ލޮސްކް ލިލް ކުޅެން ޖެހުމަށް ދިމާވިފަދައިން މިރޭ ބޭއްވި ގުރުއަތުލުމުގައި އެމެޗަކަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް ދެން ކުޅެން ހުރި ހަތް މެޗަށް ވަނީ ބަދަލު އައިސްފައެވެ.
އެގޮތުން ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ގިނަ ފަހަރަށް ނަގާފައިވާ ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅުމަށް ގުރުއަތުން ޖެހިފައިވެއެވެ. މި މެޗު ހާއްސަ ވާނެގޮތަކީ ރެއާލްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޮސް އެޓީމާ ރެއާލާ ދެކޮޅަށް އެމެޗުގައި ކުޅޭތަން ފެނުމެވެ.
ޔުނައިޓެޑާއި އެޓްލެޓިކޯގެ ކުރިމަތިލުމެއް ވެސް ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފެންނާނެއެވެ. މިއީ ގިނަ ދުވަސްތަކަކަށްފަހު ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މޮޅު އެއް ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓިއާނޯ ރޮނަލްޑޯއާއި އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒްގެ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެކެވެ. މި ދެ ކުޅުންތެރިންނަކީ ލަލީގައި ގައި އެންމެ މޮޅު އަދި ވާދަވެރި ފޯވާޑުންގެ ލިސްޓުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.
މީގެ އިތުރުން، ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމު ބަޔާން މިއުނިކާ ކުޅުމަށް ގުރުއަތުން ދިމާވެފައިވަނީ އެފްސީ ސަލްޒްބާގެވެ. ޕްރިމިއާ ލީގުގެ ތާވަލުގައި މިހާރު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ކުޅުމަށް ހަމަޖެހިފައިވަނީ ސްޕޯޓިން ކްލަބް ޑި ޕޯޗުގަލާއެވެ. އަޔަކްސްއާއި އެސް އެލް ބެނެފިކާ ކުޅުމަށް ހަމަޖެހިފައިވާއިރު ޔުވެންޓަސް ކުޅެން ޖެހެނީ ވިޔަރެއާލާއެވެ.
އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނޮކައުޓް ބުރުގައި ކުޅޭއިރު، އެ ޓީމުން ނުކުންނާނީ މުބާރާތުގެ ތަށި ހަ ފަހަރު ހޯދާފައިވާ ލިވަޕޫލާ ދެކޮޅަށެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 15-16އާއި 23-22 ގައެވެ.