13 Dec 2021, 19:29
ޕީސް ސަބްމެރިން ކޭބަލެއް މެދުވެރިކޮށް، ކުޅުދުއްފުށި ސިޓީއާއި ސިންގަޕޫރާއި ޔޫރަޕުގެ ގައުމުތައް ގުޅުވައިލަދޭ ކަނެކްޝަނެއް ގާއިމްކުރަން ނިންމައިފައިވާ ކަން އިއުލާނުކޮށްފިއެވެ.
ޕީސް ކޭބަލަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަގްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކޮށްދޭނެ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ.
މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
'ޕީސް' ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫ މޯލްޑިވްސްއިން ހަމަޖައްސާފައިވަނީ ކުޅުދުއްފުށި ސިޓީއިން ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށެވެ. އެގޮތުން މި ކަނެކްޝަންގެ ތެރެއިން ޔޫރަޕުގެ 15 ގައުމެއްގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން އިތުރަށް ބުނީ ކޭބަލް ކަނެކްޝަނަށް ކުޅުދުއްފުށި ހިޔާރުކޮށްފައިވަނީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިލަދީ، ޑިޖިޓަލް ޚިދުމަތްތަކާއެކު ފަހިވެގެންދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަންނަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށް ކަމަށާއި ހައިޕަސްކޭލާ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށާއި މި ކޭބަލް ވެގެންދާނީ ދުނިޔޭގެ އެހެން ހިސާބުތަކަށް އިންފޮމޭޝަން ހައިވޭ އަކަށް ކަމަށްވާތީ، މި ކޭބަލްގެ ސަބަބުން އާ ވަޒީފާތައް އުފެދި، އައު ހުނަރާއެކު މުޖުތަމައު ތަރައްގީވެ، ދުނިޔޭގެ ޑިޖިޓަލް މާހައުލުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ސީއީއޯ ނަޖީބު ހާން-- ސަންފޮޓޯ/ މުހައްމަދު ހައްޔާން
ޕީސް ސަބްމެރިން ކޭބަލްގެ އެއްބަސްވުން އިއުލާނުކުރުމަށް އުރީދޫން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗާ އެއް ބިނާކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
"5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންޓަނެޓް އޮފް ތިންގްސް އަދި ކްލައުޑް ހިދުމަތްތަކުގެ އިތުރުން 5ޖީ ނެޓްވޯކްގެ ބާރު ސްޕީޑްތަކާއެކު އީޖާދުވާ ހިދުމަތްތައް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗާ އެއް ބިނާކުރުމަކީ މުހިންމުކަމެއް. އެހެންކަމުން މިފަދަ އިންވެސްޓްމަންޓްތަކާ އެކު ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައުއަކަށް ފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއު އާއެކު ކުޅުދުއްފުށި ވެގެންދާނީ މާލެ ސިޓީގެ އިތުރުން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅާލެވޭ ރާއްޖޭގެ ފުރަތަމަ ރަށަށެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ މި ފަޚްރާއެކު އުތުރުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށްވެސް އެތަކެއް ކުރިއެރުންތަކަކާއި ފުރުސަތުތަކެއް ފަހިވެ އާ އުސްމިންތަކަކަށް ވާސިލްކުރާނެ ކަމުގެ ޝައްކެއް ވެސް ނެތް ކަމަށެވެ.
"މި އާ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިޚްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް އަޅުގަނޑުމެން ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." އާތިފް ވިދާޅުވިއެވެ.
ޕީސް ކޭބަލް މެދުވެރިކޮށް ރާއްޖެއަށް އާ ސަބްމެރިން ކޭބަލެއް އަޅާއިރު ކޭބަލް އެޅުމާ ގުޅޭ ދިރާސާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އުރީދޫން ބުންޏެވެ.