06 Mar 2012, 17:20
އޭސީސީ 16 އަހަރުން ދަށުގެ ޗެލެންޖް ކަޕުގައި އިއްޔެ ގަތަރާ ދެކޮޅަށް ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ބަލިވެއްޖެ އެވެ.
ތައިލެންޑުގެ ޗިއަންމީގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ 342 ލަނޑުންނެވެ.
އިއްޔެ މެޗުގައި ގަތަރަށް ޓޮސްދިމާވެގެން ފުރަތަމަ ކުޅެންއަރާ 40 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 375 ލަނޑު ހެދިއިރު، ޖަވާބުގައި ރާއްޖެ ކުޅެންއަރާ 18 އޯވަރުގެ ތެރޭގައި ހެދުނީ 33 ލަނޑެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ބަލިވީ އަފްގާނިސްތާނާ ދެކޮޅަށް ކުޅެ، 316 ލަނޑުންނެވެ.
މުބާރާތުގައި ރާއްޖެ މިއަދު ބޫޓާނާ ދެކޮޅަށް ނިކުންނައިރު، ބުރާސްފަތި ދުވަހު ރާއްޖެ ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. އަދި ފަހު މެޗުގައި ރާއްޖެ ހުކުރު ދުވަހު ނިކުންނާނީ ޔޫއޭއީ އާ ދެކޮޅަށެވެ.
ރާއްޖޭގެ ސޯޅަ އަހަރުން ދަށުގެ ޓީމުގައި ހިމެނެނީ ސީބީއެމް ޔައިޑީޕީގައި ހިމެނޭ ކުޅުންތެރިންނެވެ. އަދި ރާއްޖެ ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނާއި ކޯޗެއްގެ އިތުރުން މެނޭޖަރެކެވެ. ޓީމުގެ ކޯޗަކީ އިމާދު އިސްމާއީލެވެ. އަދި މެނޭޖަރަކީ މާދިހު އިސްމާއީލެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަންކަން ލިބެނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.