ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުމަށާއި ޗައިނާ ކޮންޓެއިން ކުރުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކާއި ސްޓްރެޓެޖީގެ ދަށުން ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއް އެމެރިކާގެ ޚާރިޖި ވަޒީރު އެންޓޮނީ ބްލިންކެން މިހާރުވަނީ ފައްޓަވާފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ބްލިންކެންގެ މިދަތުރުފުޅުގައި އެންމެފުރަތަމަ ވަޑައިގަންނަވާނީ އިންޑޮނީޝިއާއަށެވެ. އެއަށްފަހު ވިއެޓްނާމް، ފިލިޕީންސް، މެލޭޝިޔާ، އަދި ތައިލެންޑަށް އޭނާ ޒިޔާރަތް ކުރައްވާނެއެވެ.

އިތުރުވަމުންދާ ޗައިނާގެ އިގްތިސާދީ އަދި އަސްކަރީ ބާރާއި ނުފޫޒަށް ހުރަސްއެޅުން

މިދަތުރުފުޅުގައި ބްލިންކެންގެ އެންމެ ފުރަތަމަ މަންޒިލަކީ އިންޑޮނީޝިއާއެވެ. އޭނާ މިހާރު ވަނީ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއަށް ވަޑައިގެންފައެވެ. ޖަކާޓާގައި އިންޑޮނީޝިއާގެ ޚާރިޖީވަޒީރާ ބައްދަލުކުރެއްވުމަށްފަހު ބްލިންކެން އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއާ ބައްދަލުކުރައްވައި ދެކުނު އިރުމަތީ އޭޝިއާއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް އިންޑޮނީޝިއާގެ އެއްބާރުލުން ހޯދުމާބެހޭގޮތުން ވިޑޯޑޯއާ މަޝްވަރާކުރައްވާނެއެވެ.

ސަރަހައްދުގެ ގައުމުތަކާއި ޗައިނާއާ ދެމެދުގައިވާ ދެބަސްވުންތަކުގެ ނާޖާއިޒު ފައިދާނަގަން އެމެރިކާ މަސައްކަތްކުރުން

ދެކުނު އިރުމަތީ އޭޝިޔާއާއި އޭޝިއާ ޕެސިފިކް ސަރަހައްދަކީ ދުނިޔޭގެ ބޮޑުބާރަކަށް ވަމުންދާ ޗައިނާގެ ވަށައިގެންވާ އަދި ޗައިނާއަށް އެންމެ ޙައްސާސް ސަރަހައްދެވެ. މިސަރަހައްދުގެ ގައުމުތަކާ މުއާމަލާތް ކުރުމުގައި އެމެރިކާގެ ސިޔާސީ ރޭވުންތަކާއި ސްޓްރެޓެޖީތައް އެންމެ ބޮޑަށް އިސްކަންދެނީ ހަލުއިކަމާއެކު ކުރިއަރަމުން އަންނަ ޗައިނާގެ އިގްތިސާދީ އަސްކަރީ ކުރިއެރުންތަކަށާ އަދި ޗައިނާގެ ބާރާއި ނުފޫޒަށް ހުރަސްއެޅުމަށެވެ.

ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ބާރުތައް

އެހެންކަމުން ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއާއި އެސަރަހައްދުގެ އެހެން ގައުމުތަކާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ނާޖާއިޒު ފައިދާނެގުމަށް އެމެރިކާގެ ޚާރިޖީ ވަޒީރުގެ މިދަތުރުުފުޅުގައި މަސައްކަތްކުރައްވާނެ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެެމެރިކާ ސީދާ ގޮތެއްގައި ޗައިނާއާ އަސްކަރީގޮތުން ކުރިމައްޗެއްނުލާނެ

ޗައިނާއާއި އެމެރިކާއަކީ ނިއުކްލިޔާ ދެބާރުކަމަށްވާތީ ސީދާގޮތެއްގައި އަސްކަރީ ގޮތުން ކުރިމަތިލައިގެން އެއްގައުމަށް އަނެއް ގައުމުގެ މައްޗަށް ކާމިޔާބު ހޯދުމަކީ މުސްތަހީލްކަމެކެވެ. އެހެންކަމުން ކޮންމެ ގޮތަކަށް އަޑުތައް އަރުވައި އިންޒާރުތައް ދިންނަމަވެސް ޗައިނާއާއެކު އަސްކަރީ ކުރިމަތިލުމަކަށް ދިޔުމަކީ އެމެރިކާގެ ހަގީގީ މަގްސަދެއްނޫނެވެ. އަދި އެކަން ކުރަން އެމެރިކާއަށް ނުވެސް ނުކެރޭނެއެވެ. އަސްކަރީ ކުރިމަތިލުންތަކާބެހޭ ބިރުތައް ދެއްކިނަމަވެސް އެއީ އެމެރިކާވެސް އަދި ޗައިނާވެސް ކުރާނެކަމެއް ނޫނެވެ. ސަބަބަކީ އަސްކަރީ ކުރިމަތިލުމަކުން އެދެގައުމަށްވެސް ކާމިޔާބު ނުލިބޭނެތީއެވެ. ހަލާކާއި ގެއްލުން ނޫންއެއްޗެއް ނުލިބޭނެތީއެވެ.

މަގްސަދަކީ ޗައިނާގެ ކުރިއެރުމުގެ ދުވެލީގެ ސްޕީޑް ލަސްކުރެވޭތޯ ބެލުމާއި ޗައިނާ އަށް ފިއްތުންތައް ކުރިމަތިކުރުން

އޭގެބަދަލުގައި އެމެރިކާ މަސައްކަތް ކުރަނީ އަދި ކުރާނީވެސް ޗައިނާ ކޮންޓެއިން ކުރުމަށެވެ. ޗައިނާގެ ކުރިއެރުމަށް ހުރަސްއަޅައި ކުރިއެރުން މަޑުޖެއްސޭނެ ނުވަތަ އޭގެ ދުވެލި މަޑުކުރެވޭނެ ގޮތެއް ހޯދުމަށެވެ.

އެއްޓްރިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓާއެކު ދުނިޔޭގެ ގިނަ ގައުމުތައް ޗައިނާއާ ގުޅާލުމަށްޓަކައި ޗައިނާ ކުރިޔަށްގެންދާ ބެލްޓް އެންޑް ރޯޑު މަޝްރޫއު

ސަރަހައްދުގެ ގައުމުތަކާ ގުޅިގެން އެމެރިކާ ކުރާ ސްޓްރެޓީޖިކް މަސައްކަތްތައް ބިނާވެފައިވަނީ އެކި ލެވެލްގައާއި އެކި ފެންވަރުގައި ޗައިނާއަށް ފިއްތުންތައް ކުރިމަތިކޮށްގެން ޗައިނާގެ ކުރިއެރުންތަކުގެ ސްޕީޑް ލަސްކުރުމަށެވެ.

އިތުރުވަމުންދާ ޗައިނާގެ ބާރާއި ނުފޫޒާ މެދު އެމެރިކާގެ ކަންބޮޑުވުން އިންތިހާއަށް

ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދަކީ ޗައިނާގެ އަވަށްޓެރި ސަރަހައްދުކަމަށްވެފައި އެއީ އެމެރިކާއާ އެތަށް ހާސް ކިލޯމީޓަރު ދުރުސަރަހައްދެއްކަމަށް ވިޔަސް އެސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމަކީ ޗައިނާ ކޮންޓެއިން ކުރުމަށްޓަކައި އެމެރިކާގެ ސްޓްރެޓީޖިކް ލަނޑުދަނޑިއެކެވެ. މިއާއެކު ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދު ވެފައިވަނީ އެމެރިކާއާއި ޗައިނާގެ ވާދަވެރިކަން އެންމެ ބޮޑު ސަރަހައްދު ކަމުގައެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގައި ޗައިނާކުރަމުންގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކާ އަދި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ގެ ދަށުން ޗައިނާކުރަމުންގެންދާ ސްޓްރެޓީޖިކް މަސައްކަތްތަކާއެކު އެސަރަހައްދުގައި އިތުރުވަމުންދާ ޗައިނާގެ ބާރާއި ނުފޫޒާ މެދު އެމެރިކާ ދަނީ އިންތިހާއަށް ކަންބޮޑުވާކަން ހާމަކުރަމުންނެވެ.

ބެލްޓް އެންޑް ރޯޑު މަޝްރޫއުގެ ދަށުން ގައުމުތަކުގައި ޗައިނާ ބިނާކުރާ އިންފްރާސްޓްރަކްޗަރ

ޗައިނާގެ ނުފޫޒާ ކުރިމަތިލުމަށްޓަކައި އެ ސަރަޙައްދުގެ ގައުމުތަކާ ގުޅުން ބަދަހިކޮށް އެގައުމުތަކުގެ އެހީގައި ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެ ސަރުކާރުން ގެންދަނީ ޚާއްޞަ އިސްކަމެއް ދެމުންނެވެ. މިގޮތުން ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތައް ހިމެނޭ ސަރަހައްދީ ޖަމާއަތްކަމަށްވާ އާސިޔާން ޖަމާއަތާއެކު ކުރަމުންދާ ވިޔަފާރިއާއި އިގްތިސާދާ އަދި އިންވެސްޓްމަންޓްގެ މުޢާމަލާތްތައް އިތުރުކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ގެ މިދަތުރުފުޅުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެއެވެ.

އެމެރިކާގެ މަގްސަދު މިގޮތަށް ހުރިނަމަވެސް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ބަލާނީ އެގައުމުތަކުގެ މަސްލަހަތަށެވެ. އެމެރިކާއަކީ ރަހްމަތްތެރިއެކެވެ. ޗައިނާއަކީ އެގައުމުތަކުގެ ދާއިމީ އަވަށްޓެރިއެކެވެ. އެހެންކަމުން ޗައިނާއާ ދެކޮޅަށް އެމެރިކާ އެދޭހާ ގޮތަކަށް އެގައުމުތަށް ދީލައެއް ނުލާނެއެވެ. ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ ރޮނގުގެ އަރާރުމުގެ މައްސަލާގައި ޗައިނާއާމެދު އެގައުމުތަކުގެ ހިންހަމަނުޖެހުން ހުރިނަމަވެސް ޗައިނާއާ ދެކޮޅަށް އެމެރިކާ ބޭނުންކުރާ ސިޔާސީ ޓޫލެއްގެ ގޮތުގައި އެގައުމުތައް ހަރަކާތްތެރިއެއް ނުވާނެއެެވެ.