އިޓަލީގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަން އައުޓްޑޯ އެޑްވަޓައިޒިން ކެމްޕޭނެއް ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކެމްޕޭން ހަރަކާތްތައް، މި މަހުގެ ތިން ހަފްތާއާއި އަންނަ މަހުގެ އެއް ހަފްތާގައި ކުރިއަށް ގެންދާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުންޏެވެ.

މި ކެމްޕެއިންގެ ދަށުން، މިލާންގެ ހަ ސަރަހައްދެއްގައި ރާއްޖޭގެ ފޮޓޯއާއި ވީޑިއޯ ހިމެނޭހެން ޑިޖިޓަލް އިޝްތިހާރު ދައްކާނެއެވެ.

ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރުކޮށް، އެގައުމުގެ ފަތުރުވެރިންގެ ތެރޭގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ކުރިއެރުވުމަކީ މި ކެމްޕޭންގެ މަގުސަދު ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ކެމްޕޭންގެ ދަށުން ރާއްޖޭގެ ރިސޯޓް، ހޮޓެލް އަދި ގެސްޓްހައުސްއާއި ލިވަބޯޑުތަކުގެ މައުލޫމާތާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޓަލީގެ މާކެޓުގައި އިޝްތިހާރު ކުރާނެއެވެ.

އެ ކެމްޕޭން ކުރިއަށް ގެންދަނީ އިޓަލީގެ މީޑިއާމޮންޑް ކުންފުންޏާ ގުޅިގެންނެވެ.

މީޑިއާމޮންޑަކީ އިޓަލީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް މާކެޓިން ހަރަކާތް ހިންގާ އެއް ކުންފުންޏެވެ. މި ކުންފުނި މަސައްކަތް ކުރަނީ އިޓަލީގެ މީޑިއާ ގްރޫޕް، މީޑިއާސެޓް އަދި ލީޑިން ޕަބްލިޝިން ހައުސް މޮންޑަޑޯރީއާއެކުއެވެ.

މީޑިއާމޮންޑްގެ އިޝްތިހާރާއި ކެމްޕެއިންތައް ބްރޯޑްކާސްޓުކޮށް ޝާއިއުކުރާ ފަރާތްތަކުގެ ތެރޭގައި އިޓަލީގެ މަޝްހޫރު 70 މީޑިއާ ބްރޭންޑް ހިމެނެއެވެ.

އިޓަލީއަކީ ކޮވިޑް ޕެންޑަމިކްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އެއް ގައުމެވެ. މިދިޔަ އަހަރު އިޓަލީން 46،690 ފަތުރުވެރިން ރާއްޖެ އައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 12،633 ފަތުރުވެރިންނެވެ.

އިޓަލީ ސަރުކާރުން މިދިޔަ މަހު ފަހުކޮޅު، ރާއްޖެ ހިމެނޭހެން ގައުމުތަކާއެކު ހެދި ޓްރެވެލް ކޮރިޑޯގެ ސަބަބުން އިޓަލީ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށް ގޮސް ކަރަންޓީނު ވާކަށް ނުޖެހެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިހާރުގެ އަމާޒަކީ ކޮވިޑްގެ ކުރިން އިޓަލީ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ހުރި މިންވަރު އަނބުރާ އިޔާދަ ކުރުން ކަމަށެވެ.