ޑައިރެކްޓް ޑެބިޓްގެ ހިދުމަތް ބޭނުންކުރާ ދިރާގު ކަސްޓަމަރުންގެ ފޯނު ބިލަށް ޑިސްކައުންޓް ދޭގޮތަށް ދިރާގުން ނިންމާ އެކަން މިއަދު އިއުލާންކޮށްފި އެވެ.

ދިރާގުން ބުނީ ޑައިރެކްޓް ޑެބިޓް ބޭނުންކުރާ ކަސްޓަމަރުންގެ ފޯނު ބިލުން ދެ ޕަސެންޓް ޑިސްކައުންޓަށް އުނިކުރާނީ މި މަހުގެ ފޯނު ބިލުން ފެށިގެން ކަމަށެވެ.

ޑައިރެކްޓް ޑެބިޓް ހިދުމަތަށް އަލަށް އެދޭ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ދިރާގުން ވަނީ ފަށާފަ އެވެ. އެ ފަރާތްތަކުގެ ތެރެއިން ލަކީޑްރޯއަކުން ހޮވޭ ފަސް ފަރާތަކަށް އައިޕެޑް ޓޫ އެއް ދޭގޮތަށް ދިރާގުން ވަނީ ނިންމާފަ އެވެ. ދިރާގުން ބުނީ އެ ލަކީ ޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނިޔަލައް ކަމަށެވެ.

ޑައިރެކްޓް ޑެބިޓްގެ ހިދުމަތް ހޯދުމަށް ދިރާގުން އެއްވެސް ޗާޖެއް ނުނަގަ އެވެ. ޑައިރެކްޓް ޑެބިޓުގެ ހިދުމަތަކީ ބޭންކް އެކައުންޓް މެދުވެރިކޮށް ބިލުގެ މުއްދަތު ހަމަވުމުގެ ކުރިން ބިލަށް ފައިސާ ދެއްކޭނެ ހިދުމަތެކެވެ.
ދިރާގުން ބުނީ އެހިދުމަތް ހޯދުމަށް ދިރާގަށް ހާއްސަ ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ފޯމް ދިރާގުގެ އޮފީސްތަކުން ލިބޭނެ ކަމަށެވެ.

ދިރާގު ޑައިރެކްޓް ޑެބިޓްގެ ހިދުމަތް ލިބެނީ ބީއެމްލްގެ ކަސްޓަމަރުންނާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ކަސްޓަމަރުންނަށް އެކަންޏެވެ.