ވޮޝިންޓަން (ޑިސެމްބަރު 13): ކޮވިޑް-19 ގެ ސަބަބުން ސިއްހަތަށް ކުރަންޖެހުނު ޚަރަދު ބޮޑުވުމުގެ ސަބަބުންނާއި އިގްތިސާދީ ގިނަ ހަރަކާތްތަކެއް ހުއްޓުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން ބައި ބިލިއަނެއްހާ މީހުން ފަގީރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ވޯލްޑް ބޭންކުން ބުނެފިއެވެ.

މިދެ މުއައްސަސާ ގުޅިގެން ނެރުނު ރިޕޯޓެއް ބުނާގޮތުން ކޮވިޑް-19 އާއެކު ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދީ ގިނަ މަސައްކަތްތަކެއް ހުއްޓުމުގެ އިތުރުން އާންމު ސިއްހަތަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައި ބިލިއަނެއްހާ މީހުން ފަގީރުކަމުގެ ހާލަތަށް ވެއްޓުނު ކަމަށް ރިޕޯޓުގައިވެއެވެ.

މިދެ މުއްސަސާގެ ރިޕޯޓުގައިވާގޮތުން ކޮވިޑް-19 ގެ ވަބާއަކީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގައުމުތަކުގެ ތަފާތާއި އަދި ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ތަފާތުތައްވެސް ބޮޑުކަން ވަރަށް ރަނގަނޅަށް ހާމަވެގެންދިޔަ ވަބާއެކެވެ. މީގެއިތުރުން ވެކްސިނާއި ސިއްހީ ރައްކާތެރިކަމުގެ ސާމާނުފަދަ އެންމެންނަށްވެސް ބޭނުންވާ ވަސީލަތްތައް ބައެއް ފަރާތްތަކުން މޮނޮޕޮލީކޮށް ސިއްހަތާބެހޭ އަޚްލާގު ފަހަނަޅައި ދިޔުމުގެ ނާތަހުޒީބު އެތަށްކަމެއްވެސް ކޮވިޑް ގެ ވަބާއާއެކު ދުނިޔެއިން ފެނިގެންދިޔަކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓްގައިވާގޮތުން ކޮވިޑް-19 ގެ ވަބާގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއަކީ 1930 ވަނައަހަރަށްފަހު ދުނިޔެ ދުށް އެންމެ ބޮޑު އިގްތިސާދީ ކާރިސާއެވެ. އަދި ކޮވިޑް-19 ގެ ކުރިން އާއިލާތަކުން ސިއްހަތަށް ޚަރަދު ކުރަމުން ގެންގޮސްފައިވަނީ އެ އާއިލާއެއްގެ އާމްދަނީގެ ގާތްގަނޑަކަށް 10 އިންސައްތަކަމަށާއި ނަމަވެސް ކޮވިޑާއެކު މިހާލަތު ބަދަލުވެ އާމްދަނީގެ ބޮޑުބައެއް ސިއްހަތަށް ހޭދަކުރަން ގިނަ އާއިލާތަކަށް ޖެހުނު ކަންވެސް ބަޔާންކޮށްފައިވެއެވެ.

މިރިޕޯޓްގައި ކޮވިޑް-19 އާއެކު ޕަބްލިކް ހެލްތްގެ މުހިއްމުކަން ގައުމުތަކަށް އެނގިގެންދިޔަކަމަށާއި އަދި ޕަބްލިކް ހެލްތް ހިމާޔަތްކޮށް ތަރައްގީ ކުރުމުގައި ގައުމުތަކުގެ ޕަބްލިކް ސެކްޓަރުތަކުގެ ބޭނުންތެރިކަންވެސް ހާމަވެގެންދިޔަކަމަށް ބުނެފައިވެއެވެ.

އިގްތިސާދީ ރިޕޯޓްތައް ބުނާގޮތުން ކޮވިޑް-19 އާއެކު ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި އެއްބަޔަކު އާދަޔާ ޚިލާފަށް މުއްސަނދިވެ އަނެއްބަޔަކު އާދަޔާ ޚިލާފަށް ވަނީ ފަގީރުވެގެންގޮސްފައެވެ. ކުންފުނިތަކަށް ބަލާއިރުވެސް ބައެއް ގިނަ ކުންފުނިތަކެއް ބަނގުރޫޓުވެފައިވާއިރު މަދު ކުންފުނިތަކުގެ މުއްސަނދިކަންވަނީ އިންތިހާއަށް އިތުރުވެފައެވެ.