13 Dec 2021, 10:39
ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 300 މިލިއަން ރުފިޔާގެ މަޝްރޫއެއް އިފްތިތާހުކޮށްފިއެވެ.
ފުވައްމުލަކުގެ ހާފިޒު އަހުމަދު ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރީ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ ފުވައްމުލަކުގައި ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްގެންދިޔަ ކުންފުންޏެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕެއާ ވިންތާ ލާސަން އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރޭ އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އަސްލަމާއި ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖް އެވެ.

މިނިސްޓަރު އަސްލަމާއި ނެދަލޭންޑްސްގެ ސަފީރު، ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 606 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
"އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ހަމަ ބާރު ސްޕީޑުގައި، އޮތް ތާވަލާ އެކީގައި 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް. ރާއްޖޭގަ ގޮނޑުދޮށް ހިމާޔަތް ކުރަން ހިންގޭ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބިޔަ މަޝްރޫއު މި މަޝްރޫއަކީ،" އަސްލަމް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މިއީ ފުވައްމުލަކަށް އެންމެ ބޭނުންވެފައި އޮތް، އެންމެ މުހިންމު މަޝްރޫއު ކަމަށެވެ. އަދި އެ ސިޓީގެ ތަރައްގީއަށް ޓަކައި ސަރުކާރުން މިހާރުވެސް ގިނަ މަޝްރޫއުތައް ކުރިއަށްގެންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ވަރަށް ދިގު އިންތިޒާރެއްގެ މަސައްކަތުގެ ފެށުން،" ފައިސަލް ވިދާޅުވިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދާނީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީ އާއި ކުވެއިތު ފަންޑުގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެންނެވެ.