ރިސޯޓުތަކުން ހުސް ޕެޓް ފުޅި ނެގުމުގެ އާ ހަރަކާތެއް މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް(މޯޕާ)އިން އިފްތިތާހު ކޮށްފިއެވެ.

އިއްޔެ އިފްތިތާހު ކުރި މި މަޝްރޫއަކީ މޯޕާ އާއި ޕާޓްނަރުންގެ "ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓު"ގެ ކާމިޔާބު ފުރަތަމަ އަހަރު ފާހަގަކޮށް، ޕްލާސްޓިކް ކުންޏާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަ ކުރުމަށް އަޅާ ފިޔަވަޅެއްކަމަށް މޯޕާއިން ބުންޏެވެ.

ރިވާސް ޕެޓް ލޮޖިސްޓިކްސް މަޝްރޫއަށް އިތުރު ބާރެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ 'ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް'ގެ އަމާޒަކީ ރާއްޖޭގައި ހިންގާ 150 އަށް ވުރެ ގިނަ ރިސޯޓުތަކުން އުކާލާ ހުސް ޕެޓް ފުޅި އެއްކޮށް، ރީސައިކަލް ކުރުން ކަމަށް މޯޕާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 10ގައި އިފްތިތާހުކުރި ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، 'ލައިފް' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑާއި ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި ބަންދުކުރާ ކުންފުނި ކަމުގައިވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް އަދި 'ތާޒާ' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި ކަމުގައިވާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއާ އެކު ޕާޓްނަޝިޕެއްގެ ދަށުންނެވެ.

އެ މަޝްރޫއާ ބެހޭ ގޮތުން މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ ޕްލާސްޓިކް ކުނީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް މާލެ ސަރަހައްދަށް އަމާޒުކޮށްގެން ކުރާ މަސައްކަތް ނުފުދޭކަމަށެވެ.

އެހެންކަމުން މި މަސައްކަތް ފުޅާކޮށް، ބައިވެރިވާ މީހުންގެ އަދަދު އިތުރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕެޓް ފުޅި ރީސައިކަލްކުރުމުގައި ވަރަށް ގިނަ ރިސޯޓުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވެ، މި ހަރަކާތަކީ ދެ ފަރާތަށް ވެސް ފައިދާ ހުރި ކަމަކަށް ވެގެން ދިއުމަކީ އަޅުގަނޑުމެންގެ އަޒުމް،" ސަންޖޭ މަނިކު ވިދާޅުވި އެވެ.

މޯޕާގެ ރައީސް އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަނެ، އިގްތިސާދު އަނބުރާ ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާރަށް ވުރެ ރަނގަޅު އިގްތިސާދެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތް ދެގުނައަށް އިތުރުކުރަން ޖެހޭ ކަމަށެވެ.

ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓާއި އަލަށް ތައާރަފުކުރި ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ސަބަބުން އަހަރަކު މަދުވެގެން 150،000 ކިލޯގެ ޕެޓް ރާއްޖެ އިން އެއްކުރެވޭނެ ކަމަށް މޯޕާއިން ލަފާކުރެއެވެ.

މި މަޝްރޫއުގެ ދަށުން އެއްކުރާ ޕެޓް ފުޅިތައް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، އެޑިޑާސް ބްރޭންޑުގެ ބޫޓު ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެއެވެ.

މި މަޝްރޫއު ފެށިގެން ދިޔައީ، މާލެ ސަރަހައްދުގައި ރެސްޓޯރަންޓްތަކާއި ކެފޭ ފަދަ ތަންތަން ހިމެނޭ ގޮތަށް 120 އަށް ވުރެ ގިނަ ރީޓެއިލް އައުޓްލެޓްތަކުން އުކާލާ ޕެޓް ފުޅި ކޮންމެ ދުވަހަކު އެއްކުރުމުގެ ތެރެއިންނެވެ.

މާލެ އާއި ހުޅުމާލޭގެ 263 އަށް ވުރެ ގިނަ ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަން ހިމެނޭ ގޮތަށް މި މަޝްރޫއު މިހާރު ވަނީ ފުޅާކޮށްފައެވެ.

އެހެންކަމުން އަހަރެއްގެ ތެރޭގައި 30،000 ކިލޯ އަށް ވުރެ ގިނަ ޕެޓް ފުޅި އެއްކުރެވިފައި ވާކަމަށް މޯޕާއިން ބުންޏެވެ.

މި މަޝްރޫއުގައި ބައިވެރިވާ އައުޓްލެޓްތަކުގެ އަދަދު ކުރިއަށް އޮތް އަހަރު ތެރޭގައި 300 އަށް ވުރެ ގިނަކުރަން މޯޕާއިން ވަނީ އަމާޒު ހިފާފައެވެ. އެ އައުޓްލެޓްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ތަންތަން ވެސް ހިމެނޭނެ ކަމަށް މޯޕާއިން ބުންޏެވެ.