12 Dec 2021, 22:41
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 55 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 4،150 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 55 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 37 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން މިއަދު އަލަށް ޕޮޒިޓިވް ވެފައިވަނީ އަށް މީހުންނެވެ.
ކޮވިޑް ޖެހިގެން 15 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 93،119އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 90،924އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،924ގައެވެ.
ކޮވިޑް ޖެހިގެން މިއަދު ވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައެވެ.
ކޮވިޑްގައި އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް މީހަކު މަރުވެފައިވެއެވެ. އިއްޔެ މަރުވީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ، އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިިދޔަ ހުކުރު ދުވަހު ކޮވިޑް ޖެހިން މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން މިދިޔަ ހޯމަ ދުވަ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ މަރުވެފައިވެއެވެ.
މި އަދަދު ތަކާއެކު ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 258ށް އަރާފައެވެ.