ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މިހާރު މަސައްކަތް ކުރައްވަނީ އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންސާނީ ހައްޤުތަކުގެ ދުވަހާ ގުޅިގެން ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބާރަކީ، އެޤައުމެއްގެ ރައްޔިތުން ކަމަށާއި ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ހައްގުގެ ބޭނުންހިފާ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި މީގެ ތިން އަހަރު ކުރިން، ރައްޔިތުންގެ މަންދޫބުންނަށް ވެސް، މަޖިލީހުގެ އިދާރާއަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއް ހިނގައްޖެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މަޖިލީހަށް ވަދެވިއްޖެއްޔާ ދެން ފެންނަނީ، ސިފައިންނާއި ފުލުހުންގެ އަތްދަނޑިމަތީ އުފުލާލައިގެން، މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު. ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި މި ހޭދަވި ދެ އަހަރެއްހާ ދުވަހުގެ ތަޖުރިބާއިން މުޅި ދުނިޔެއަށް ވެސް މިހާރު ޤަބޫލު ކުރެވެނީ، މި ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި، އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ކަމަށެވެ.

"މި ބަލިމަޑުކަމުން އަރައިގަނެވޭނީ، މިބައްޔާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައި ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކާ ދެމެދު، އަދި މުއްސަނދި ޤައުމުތަކާއި ފަޤީރު ޤައުމުތަކާ ދެމެދު، ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެންކަން ބައިނަލްއަޤުވާމީ މުޖްތަމަޢު މިއަދު ގަބޫލުކުރޭ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 365332 އަށް ވުރެ ގިނަ މީހުން، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ތެރޭގައި 79313 ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. އަދި ވެކްސިން ދިނުމުގައި ވެސް، އަދި ކޮވިޑް ޖެހިގެން ފަރުވާ ދިނުމުގައިވެސް، އެއްވެސް ދިވެއްސަކާ ބިދޭސީއަކާ ތަފާތެއް ނުކުރާ ކަމަށާއި ކުރިމަގުގައި ވެސް އެކަން ކުރިއަށް ދާނީ އެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.