ޓެކްސީއެއްގެ ޑިކީ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި، ފުލުހުން އަތުލައިގެންފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މާފަތްތަކުރުފާނުމަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ.

މީގެ އިތުރުން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދީ AB1A T8977 ޓެކްސީން ކަން ވެސް ވަނީ ކަށަވަރު ވެފައެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ފުލުހުން އެ ކާރުގެ ޑިކީ ތެރެއިން ނެގީ ބޮޑު ފޮއްޓެކެވެ. އަދި އެ ފޮށި ހުޅުވުމަށްފަހު ސެލޯފިން ބޭނުންކޮށްގެން ބަންދުކޮށްފައި ހުރި އެއްޗެހިތަކެއް ނެގިކަމަށް ވެސް އޭނާ ކިޔައިިދިނެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މާލޭގައި މިރޭ ޑްރަގް އޮޕްރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ. މި މައްސަލައާ ބެހޭގޮތުން އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

މި ފަހަކަށް އައިސް ފުލުހުން ވަނީ އެކި އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެ އާއި ހުޅުމާލޭގެ 10 ތަނަކާއި ސަފާރީއެއް ބަލައި ފާސްކޮށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

ހަމައެހެންމެ އެ މަހުގެ 15 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ރާއްޖެއަށް އެތެރެކުރި 215 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައެވެ.