06 Mar 2012, 16:45
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވަން އޮތް، މި މަހުގެ އެއް ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ކުރިން ފަސް ދުވަހަށް މުއްދަތު ޖަހައިދިން ހުރިހާ މީހުން ވެސް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައި ވަނީ ފަސް ދުވަހަށް ކުރިން މުއްދަތު ޖަހައިދީފައިވާ 24 މީހެކެވެ.
އެމީހުން ދޫކޮށްލީ ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވީ އެ 24 މީހުން މިއަދު ކޯޓުން ދޫކޮށްލުމުން މި މަހުގެ އެއް ވަނަ ދުވަހުގެ މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށް ނިމުނީ ކަމަށެވެ.
"އެމީހުން މިއަދު ދޫކޮށްލުމުން މި މަހުގެ އެއް ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާ އާ ގުޅޭ އެއްވެސް މީހަކު މިހާރު ހައްޔަރުކޮށްފައެއް ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މިހާރު އެމީހުންގެ ތަހުގީގުތައް ކުރަމުން އަންނަ ކަމަށާއި ތަހުގީގު ނިމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާނެ ކަމަށެވެ.
މި މަހުގެ އެއް ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާ އާ ގުޅިގެން ފުލުހުން ވަނީ 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.
އެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައި ވަނީ ޝަރުތުތަކާ އެކު އެވެ.
މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ބައެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ މެންބަރުން ވެސް ހިމެނެވެ.