12 Dec 2021, 18:10
ނިއުދިއްލީ (ޑިސެމްބަރު 12) : އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޓުވިޓަރ އެކައުންޓު ހެކްކުރުމަށްފަހު ހެކްކުރި ފަރާތުން މޯދީގެ ނަމުގައި ޓްވީޓެއް ކޮށްފިއެވެ.
މިކަން ކަށަވަރުކޮށްދެމުން މޯދީ ގެ އޮފީހުން ބުނީ މޯދީގެ ޓުވިޓާ އެކައުންޓު ހެކްކުރެވުނީ ކުޑަ ވަގުތުކޮޅަކަށް ކަމަށާއި އިންޑިއާގެ ސައިބާ ސެކިއުރިޓީއާބެހޭ ފަރާތްތަކުން ކުޑައިރުކޮޅެއްގެ ތެރޭގައި މޯދީގެ އެކައުންޓް އަލުން އަނބުރައި އިއާދަކޮށް އޭގެ ކޮންޓްރޯލް ހޯދާފައިވާ ކަމުގައެވެ. ހެކްކުރި ފަރާތެއް ހޯދުމުގެ ފަންނީ ތަހްގީގް ކުރިޔަށްދާކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން މޯދީގެ ޓުވިޓާ އެކައުންޓް ގާތްގަނޑަކަށް 73 މިލިއަން މީހުން ބަލަމުން ގެންދެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް މޯދީގެ ޓުވިޓާ އެކައުންޓް ހެކްކުރިކަން އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ. އެއަށްފަހު މޯދީގެ ޓުވިޓާ އެކައުންޓް ގެ ހިމާޔަތުގައި އިންޑިއާގެ ސައިބާ ސެކިއުރިޓީއާބެހޭ ފަރާތްތަކުންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އެފިޔަވަޅުތައް ފޫއަޅުވާލުމަށްފަހު މިފަހަރުވެސް މިވަނީ މޯދީގެ ޓުވިޓާ އެކައުންޓު އަލުން ހެކްކޮށްފައެވެ.
މޯދީގެ ޓްވިޓާ އެކައުންޓް ހެކްކުރާ ކޮންމެފަހަރަކުވެސް މޯދީގެ ނަމުގައި ޓްވީޓްކުރަނީ ފައިސާ ހޯދުމަށެވެ. މޯދީގެ ޓްވިޓާ އެކައުންޓް ހެކްކުރުމާ ގުޅިގެން އިންޑިއާގެ ސައިބާ ސެކިއުރިޓީއާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ އެގައުމުގެ ރަސްމީފަރާތެއްގެ އެއްވެސް އެކައުންޓެއް ހެކްކޮށްފައިވޭތޯ ބަލައި ޗެކްކުރަމުންނެވެ.