ފ. ފީއަލީ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޑެޓް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ފީއަލީގައި 13.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 1606 މީޓަރުގެ ރިވެޓްމަންޓް ޖަހައި، 30 މީޓަރުގެ ފަސް ގްރޮއިން ގާއިމު ކުރަން ހަމަޖެހިފައިވެއެވެ.

އެއް އަހަރާ ތިން މަސް ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫގެ އަގަކީ 66.9 މިލިއަން ރުފިޔާއެވެ.