ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ މާލީ އިނާޔަތްތައް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިނުމުގައި ގާނޫނީ ބައެއް ފުށުއެރުންތައް އެބަހުރި ކަމަށާއި އެމަނިކުފާނަށް އިނާޔަތްތައް ދިނުމުގެ ކުރިން އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯދަން ޖެހޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލު ރިޒާ މިއަދު ބިދާޅުވީ ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައި އޮންނަނީ ރައީސް ކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ބޭފުޅުންނަށް އެ އިނާޔަތް ދިނުމަށް ކަމަށާއި އެހެންވެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ނުކުރައްވާ ބޭފުޅަކަށް އެ އިނާޔަތް ދިނުމުގައި އޭޖީގެ ލަޔަކަށް ބޭނުންވާނެ ކަމަށެވެ.

ނަމަވެސް އެފަދަ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި އެދިވަޑައި ނުގަންނަވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

"އެފަދަ ލަފާފުޅަކަށް އަދި އެދިވަޑައެއް ނުގަންނަވާ، އިނާޔަތްތައް ދޭ ނަމަ އޭޖީގެ ލަފައެއް ބޭނުންވާނެ. އެކަމުގައި އަމަލުކުރާނީ ކޮން ގޮތަކަށްތޯ ޖެހޭނީ ބަލަން. ފަހަރެއްގައި ގާނޫނަށް ބަދަލުގެންނަން ވެސްޖެހިދާނެ،" އައްބާސް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އިނާޔަތްތައް ދިނުމާ މެދު ކެބިނެޓް ލެވެލްގައި ނުރަސްމީކޮށް ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެފަދަ އެދިވަޑައިގަތުމެއް އައިތޯ ދެންނެވުމުން އާދިލް ވިދާޅުވީ އެފަދަ ކަމެއް ނާންނަ ކަމަށެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި އޮންނަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ރައީސުންނަށް މަހަކު 50،000.ރ ގެ ފައިސާގެ އިނާޔަތެއް ދިނުމަށެވެ. އަދި ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކުރައްވާފައިވާ ނަމަ 75،000ރ. ދިނުމަށް އޮންނަ އިރު އެފަދަ ބޭފުޅަކު ދިރިއުޅުއްވުމުގެ ހަރަދަށް މަހަކު 50،000 ދައުލަތުން ދިނުމަށް ވެސް އެގާނޫނުގައިވެ އެވެ.