12 Dec 2021, 19:10
ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށްފަހު، ތައްޔާރުކުރި ރިޕޯޓު، ކަމަށް ބުނެ ލީކު ކޮށްލާފައިވާ ލިޔުމަކީ ސައްހަ އެއްޗެއް ކަމާމެދު ޝައްކު އުފެދޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު އޮޅުވައިލި ކަމަށް އިދިކޮޅުން ބުނާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ފަހު ތައްޔާރު ކުރި ރިޕޯޓު ކަމަށް ބުނާ ރިޕޯޓެއް އިއްޔެ ވަނީ މީޑިއާގައި ލީކު ކޮށްލާފައެވެ.
އެ ރިޕޯޓުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގައި އެއިރު ހުންނެވި، ޝަރީފު އާއި ކޮމިޝަންގެ އެހެނިހެން މެމްބަރުންނަށް ވެސް ތުހުމަތުތަކެއް ކޮށްފައިވެއެވެ.
އޭގެ ތެރޭގައި ފުލުހުންނަށް ޝަރީފް ދެއްވި ބަޔާން ކަމަށް ބުނާ ބަޔާން ވެސް ހިމެނެއެވެ.
އެ ރިޕޯޓާ ބެހޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވިއިރު އެފަދަ ރިޕޯޓެއްގެ ވާހަކަ ފުލުހުންގެ ފަރާތުން އަންގާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ރިޕޯޓެއް ކޮމިޝަނަށް ވެސް ފޮނުވާފައި ނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެ ރިޕޯޓަކީ ފުލުހުން ތައްޔާރުކުރާ ރިޕޯޓު ތަކާ ވަރަށް ތަފާތު ރިޕޯޓެއް ކަމަށެވެ. އެގޮތީ މީހެއްގެ މައްޗަށް ތުހުމަތެއް ކުރާނަމަ، އެ ތުހުމަތެއް ސާބިތު ކުރެވޭ ވަރަށް ހެކި ހުންނާނެ ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ރިޕޯޓުގައި އެވަރަށް ހެކި ހިމަނާފައި ނެތުމުން އެއީ އެއްވެސް ބުރަދަނެއް ހުރި ރިޕޯޓެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މައުލޫމާތު ސައްހަ ކަމަށް ވާނަމަ ކޯޓު މަރުހަލާގަ ނުވަތަ ޝަރިއަތުގެ މަރުހަލާގައި ވެސް ތިޔަފަދަ ރިޕޯޓެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައެއް ނެތް. އެހެންވީމަ ތިޔަ ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ރިޕޯޓާ ބެހޭގޮތުން ރަސްމީ ހައިސިއްޔަތަކުން މިވަގުތު އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި ވިދާޅުވީ ބަޔާނަށް ޖަވާބު ދޭން ޖެހޭނޭ ދެ ފަރާތެއް އެބަވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިލެކްޝަން ކޮމިޝަނާ އަދި ފުލުހުންގެ އިދާރާ ކަމަށެވެ.
އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަންގައި މަސައްކަތް ކުރެއްވިއިރު، ރިޔާސީ އިންތިހާބަށް އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ފަސް މެމްބަރުން މަޝްވަރާ ކޮށްގެން މެނުވީ އިންތިހާބާ ބެހޭ އެއްވެސް ކަމެއް އަމިއްލައަށް ނުވަތަ މެމްބަރަކު އަމިއްލައަށް ވެސް ނިންމާފައި ނުވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޕީޕީއެމުން ދައްކާ ހަމައެކަނި ވާހަކައަކީ ރައީސް ޔާމީން މިނިވަންކުރި ވާހަކަ ކަމަށާއި އޭގެ ތެރޭގައި މިހާރު ކުރާ ތުހުމަތު ތަކުގެ ވާހަކަ ދައްކާ އަޑު ނުއިވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަނީ ރައީސް ޔާމީންގެ މައްޗަށް ކުރާ އިތުރު ތުހުމަތުތަކުގެ ވާހަކަގައިގައި މަތި އަޅައި ފޮރުވަން ކަމަށެވެ.
"އެކަހަލަ ކަންކަން އޮއްބާލުމަށް ޓަކައި އެންމެ ފަސޭހައިން ނެގޭނެ އެއްޗަކަށް އޮތީ ރިޔާސީ އިންތިހާބު. އަދި ހަޅޭއްލެވޭނެ މީހަކަށް ހުރީ ޝަރީފް. އެހެންވެގެން އެ ފުރުސަތު އެ ބޭނުން ކުރަނީ،" ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުން ވޯޓު ލީ ގޮތަށް ކަމަށެވެ.
"އަނެއްކާވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ ތަކެވެ.
ﷲ ގަންދީ ބުނަމެވެ. އެއިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލު ކުރުމަކާއިނުލައި ރައްޔިތުން ވޯޓުލީ ގޮތަށެވެ.
ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފާށެވެ. ﷲގެ އަޒާބައް ބިރުވެތިވާށެވެ،" އަކްރަމްގެ ޓްވީޓުގައި ވެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134،706 ވޯޓެވެ. އެއީ 58.4 ޕަސެންޓެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،501 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.