މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި ހުރިހާ ދިވެހިން ދޫކޮށްލުމަށްފަހު ބިދޭސީ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ 10 މީހުންނެވެ. އަދި އެ މީހުންނަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ ކަމުގައި އެންމެ އިސްކޮށް ހުރި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރި ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެންމެ ފުރަތަމަ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ އަށް މީހެއްގެއެވެ. އޭގެ ތެރެއިން އިއްޔެއާ ހަމައަށް ބަންދުގައި ތިބީ ފަސް މީހެކެވެ. އެއީ ބަންގްލަދޭޝްގެ ދެ މީހުންނާއި ތިން ދިވެހިންނެވެ.

އެ ތިން ދިވެހިންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސަފާރީގައި ދިގު ދަތުރެއް ކުރުމަށްފަހު މަސްތުވާތަކެތި ހިފައިގެން އދ. ބޮޑުކާށިހުރާއަށް ދިޔަ ކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް 60 ދުވަސް ލިބިފައިވާއިރު އިއްޔެ ވަނީ ތަހުގީގު ނިންމައި އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ހޯދި މަސްތުވާތަކެއްޗާ, މިހާރު ބަންދުގައި ތިބި ތިން ދިވެހިންނާ ގުޅުވާލެވޭ ވަރުގެ ހަރުދަނާ ހެއްކާއި ގަރީނާ ހުށަހަޅާފައި ނެތް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ދޫކޮށްލި ތިން ދިވެހިން:

  1. ޖުމާން މުސްތަފާ (19އ), ނ. ވެލިދޫ، ބީޗްހެވަން

  2. މުހައްމަދު އަހުމަދު (34އ), ލ. ކަލައިދޫ، ޖަނަވަރީމާގެ
  3. މުހައްމަދު ހުސައިން (61އ), ދ. ބަނޑިދޫ، ޕޮލަރިސް

ބޮޑުކާށިހުރާއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެ މީހުން އިންކާރު ނުކުރި ނަމަވެސް, އެ ތަކެތި އެ ރަށަށް ގެންދިޔައީ މި މީހުން ކަމަށް ނުވަތަ އެ ރަށަށް މަސްތުވާތަކެތި ގެންދިޔަކަން އެނގޭނެ ގޮތެއް ބަޔާންކޮށްދީފައި ނުވާ ކަމަށް އެ މީހުން ދޫކޮށްލުމަށް ނެރިފައިވާ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ސަފާރީގައި ހުރި އެހެން ދެ މީހަކު ވަނީ މި މީހުންނާ ދެކޮޅަށް ހެކިބަސް ދީފައެވެ. ނަމަވެސް އެބަޔާންތަކުން ވެސް ސަފާރީއިން މަސްތުވާތަކެތި އެ ރަށަށް ގެންދިޔަކަން އެނގެން ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން މީހުންނާ މި ތިން މީހުން ފޯނުން ގުޅައި މުއާމަލާތްކުރިކަން އަންގައިދޭ ކޯލް ޗާޓެއް ހުށަހެޅި ނަމަވެސް ދައްކާފައިވާ ވާހަކަތައް އެނގެން ނެތް ކަމަށް ވަނީ ބުނެފައެވެ.

ބަންދުގެ މުއްދަތު އިތުރުކުރި ދެ ބިދޭސީން:

  1. އެމްޑީ ރަފީޤުލް އިސްލާމް (35އ), ބަނގްލަދޭޝް

  2. ޑީއެމް މޮބިން (24އ), ބަނގްލަދޭޝް

އެ މައްސަލައިގައި ތުހުމަތުގައި މުއްދަތު އިތުރުކުރި ހަ ދިވެހިން ދޫކޮށްލާފައިވާއިރު ބަންގްލަދޭޝް ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްދީފައެވެ.

ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ, ތުހުމަތެއް އުފެދޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާތީ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތި ބަލައި ދިޔަ ސަފާރީގައި މި ދެ މީހުން ދަތުރުކުރި ކަމާއި މައްސަލައިގައި ތުހުމަތުކުރާ އެހެން މީހުންނަށް މި މީހުން ގުޅާފައިވާ ކޯލް ޗާޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.