12 Dec 2021, 11:29
ޗައިނާގައި ކުޑަ އަންހެން ކުއްޖެއްގެ މައިންބަފައިން އެ ކުއްޖާގެ ނުރުހުމުގައި ކައިވެނި ކުރުވަން އުޅެނިކޮށް ފުލުހުން އެކަން ހުއްޓުވާ އަނެއްކާވެސް އެ ކުއްޖާ މައިންބަފައިންނާ ހަވާލު ކޮށްފިއެވެ.
ޗައިނާގެ އަވަށެއް ކަމަށްވާ ނިންޒިއާގައި މި ހާދިސާ ހިނގީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އަންހެން ކުއްޖާގެ އުމުރަކީ 14 އަހަރެވެ. އަދި ޗައިނާގެ ގާނޫނުގައި އޮންނަ ގޮތުން ނަމަ 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުން ނުވަތަ އެކަމަށް މައިންބަފައިން ބާރުއެޅުމަކީ ވެސް މަނާ ކަމެކެވެ.
ކައިވެނި ހިނގަމުން ދިޔަ ވަގުތު އެ އަންހެން ކުއްޖާ ވަނީ ފުލުހުންނަށް ގުޅާ އޭނާ ގަދަކަމުން ކައިވެނި ކުރުވަން އުޅޭ ކަމަށް ބުނެ ރިޕޯޓް ކޮށްފައެވެ. އެ ހަބަރާ އެކު ފުލުހުން ވަނީ ކައިވެނި ކުރަމުން ދިޔަ ފިރިހެން މީހާގެ ގެއަށް ގޮސް ކައިވެނި ހުއްޓުވާފައެވެ.
އަންހެން ކުއްޖާގެ މައިބަފައިން އޭނާ ކައިވެނި ކުރުވަން އުޅުނީ ކުރިން ނުދަންނަ މީހާކާއެވެ. މި ކައިވެންޏަށް ފިރިހެން މީހާގެ އާއިލާއިން 40،000 ޑޮލަރު ދިން ކަމަށްވެސް މީޑިއާ ތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
ފުލުހުން ބުނީ އެ ކުއްޖާގެ މައިންބަފައިން ވަނީ އެ ފައިސާ ބޭނުންކޮށް އަގުބޮޑެތި ގަހަނާ ގަނެފައި ކަމަށެވެ.
ނަމަވެސް މި ހާދިސާއަށް ފަހު ވެސް ފުލުހުން ވަނީ އެ އަންހެން ކުއްޖާ އަނބުރާ އޭނާގެ މައިބަފައިންނާ ހަވާލު ކޮށްފައެވެ.
ޗައިނާގައި ގާނޫނީ ގޮތުން ފިރިހެނުން ކައިވެނި ކުރެވޭ އުމުރަކީ 22 އަހަރެވެ. އަދި އަންހެނެއް ނަމަ 20 އަހަރުވުމުން ކައިވެނި ކުރެވޭނެއެވެ. ނަމަވެސް 18 އަހަރުވުމަށްފަހު އަވަހަށް ކައިވެނި ކުރުމަކުން ވެސް ޗައިނާގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާނާއެވެ.