12 Dec 2021, 11:28
ކ. މާފުއްޓަށް މަސްތުވާތަކެއްޗާއި ބަނގުރާ އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ހަ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
އެ ހަ މީހުން ހައްޔަރު ކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް، އަދި މާފުށި ޕޮލިސް ސްޓޭޝަނުން ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައެވެ.
މި ދެއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނަކާއި 51 ދިވެހި ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ހަ މީހުންނަކީ މާފުއްޓަށް މަސްތުވާތަކެއްޗާއި ބަނގުރާ އެތެރެކޮށްގެން އެ ތަކެތީގެ ފިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ދެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 29 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ އަދި 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާފުށީގެ ތިން ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކުގައި ކަމަށެވެ.
މި ތިން މީހުންނަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ އުމުރުން 34 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާފުށި ކައިރީގައި އޮތް ސަފާރީއެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެސަފާރީ ބަލައި ފާސްކުރުމަށްފަހު، 88 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.
މި ދެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.