ކަތްމަންޑޫ (މާޗް 6): މައުންޓް އެވަރެސްޓްގެ އުސްމިނާމެދު އުފެދިފައިވާ އޮޅުންބޮޅުންތަކެއްގެ ޙަޤީޤަތް ހޯދުމަށް ޓަކައި އެފަރުބަދައިގެ އުސްމިން އަލުން ބެލުމުގައި ފަންނީގޮތުން އެހީތެރިވެދިނުމަށް ނޭޕާލް ސަރުކާރުން ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައިފި އެވެ.

ނޭޕާލުގެ ޖިއޮލޮޖިކަލް ސަރވޭއާ ބެހޭ އިދާރާގެ ވެރިޔާ ކްރިޝްނާ ރާޖް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ އުސްފަރުބަދައިގެ ޙަޤީޤީ އުސްމިން ބެލުމަށް ޗައިނާގެ ރީސާޗަރުން ކުރި ދިރާސާގެ ނަތީޖާ އާއި 1954 ވަނަ އަހަރު އިޢްލާންކުރެވިފައިވާ މިންވަރުގައި ތަފާތުތަކެއް އެބަހުއްޓެވެ. 2005 ވަނަ އަހަރު މައުންޓް އެވަރެސްޓްގެ އުސްމިން ބެލުމަށް ޓަކައި އެތަނަށް އެރި ޗައިނާގެ ރީސާޗަރުންގެ ދިރާސާތަކާއި ކުރި ސާވޭތަކުގެ އަލީގައި އެވަރެސްޓްގެ އުސްމިނެއް ކަމަށް އެމީހުން ކަނޑައަޅާފައި ވަނީ 8844.43 މީޓަރެވެ.

މިއީ އެވަރެސްޓްގެ އުސްމިން ކަމަށް 1954 ވަނައަހަރު އިޢްލާންކުރެވިފައިވާ މިންވަރަށްވުރެ 3.4 މީޓަރު މަދު މިންވަރެކެވެ. އެވަރެސްޓަކީ ދުނިޔޭގެ އެންމެ އުސް 14 ފަރުބަދައިގެ ތެރޭގައި ވެސް ހިމެނޭ އެންމެއުސް ފަރުބަދައެވެ. މިފަރުބަދައަކީ ހިމާލިޔާ ފަރުބަދަތަކުގެ ބައެކެވެ.

ރާޖް ވިދާޅުވި ގޮތުގައި ނޭޕާލުގެ ތަޖްރިބާކާރުން ވަނީ ހިމާލިޔާ ފަރުބަދަތަކުގައި ހިމެނޭ ނަމްޗީ ބާޒާރު ސަރަޙައްދާ ހަމައަށް އުސްމިން ބަލާފަ އެވެ. ނަމްޗީ ބާޒާރުން ފެށިގެން އެވަރެސްޓްގެ ޓޮޕާ ހަމައަށް ހުންނަ އުސްމިން ބެލުމުގެ ފަންނީ ޤާބިލްކަން ނޭޕާލުގައި ނެތްކަމަށާއި ބައިނަލްއަޤްވާމީ ފަންނީ އެހީ ބޭނުން ވަނީ މިކަމުގައި ކަމަށް ރާޖް ވިދާޅުވި އެވެ.
ހިމާލިޔާ ފަރުބަދަތަކަކީ ޗައިނާ އާއި އިންޑިޔާ އާއި ނޭޕާލްގެ ސަރަޙައްދީ ރޮނގު ގުޅިފައިވާ ހިސާބުގައި އެމުޅި ސަރަޙައްދަށް ފެތުރިފައިވާ ފަރުބަދައެކެވެ. އޭގެތެރޭގައި ހިމެނޭ އެވަރެސްޓް ފަރުބަދަ ހުންނަނީ ނޭޕާލުގެ ސަރަޙައްދުގައެވެ. ނަމްޗީ ބާޒާރު ސަރަޙައްދަކީ އެވަރެސްޓް ފަރުބަދައިގެ ދޮރޯއްޓެވެ. މިއީ ވެރިރަށް ކަތްމަންޑޫގެ އިރުއުތުރުން 125 މޭލު ދުރުގައިވާ ވިލެޖެކެވެ.

އެވަރެސްޓް ފަރުބަދައަށް މިހާތަނަށް 4 ހާސް މީހުން އަރާފައިވެއެވެ. އެންމެ ފުރަތަމަ އިންސާނަކު މިފަރުބަދައަށް އެރީ 1953 ވަނަ އަހަރުގައެވެ. (ރޮއިޓާސް)