19 Jul 2010, 05:42
10:00
ހިމާޔަތްދޭން ކަމަށް ބުނެ ސިފައިން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަދުގެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވުމުގެ ފުރުސަތު ލިބިދީފައިނުމުގެ ސަބަބުން މަޖިލީހުގެ ތެރޭގައި ނަގަން ފެށި ނިޒާމީ މައްސަލަތަކާ ހުރެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މިއަދު ޖަލްސާ ހުއްޓާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު، ޔާމީން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ސިފައިން ދީފައިނުވާތީ، އިދިކޮޅު ފަރާތްތަކުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެދުހެންވޭރު ދާއިރާގެ މެންބަރު، އަލީ އާޒިމާއި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ފުލުފުލުގައި ނިޒާމީ މައްސަލަ ނަންގަވައިގެން ވިދާޅުވަމުން ގެންދެވީ، ސިފައިން އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި ސިފައިން ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް މަސައްކަތްކުރަމުންދާއިރު ގާނޫނުއަސާސީގެ ބާރު ދެމެހެއްޓުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ވާޖިބެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ. އަދި ޔާމީނަކީ ރައްޔިތުންގެ މަޖިލީހުގައި ވަކި މަސައްކަތްތަކެއް ކުރެއްވުމަށް ވަކި ދާއިރާއަކުން ރައްޔިތުން އިންތިހާބު ކޮށްފައިވާ ބޭފުޅެއް ކަމަށާއި، މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރު ކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނާއިރު ވެސް އެފަދަ ގޮތަކަށް ސިފައިން ޔާމީން ހައްޔަރުކޮށްގެން އުޅޭކަމީ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށާއި، މަޖިލިސް ކުރިއަށް ގެންދެވިގެންވާނެ ކަމެއްނޫން ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.
އެ މެންބަރުންނަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ސިފައިން އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނީ ކޮން ކަންތައްތަކަށް ބައްލަވައިގެންތޯ އޮޅުންފިލުވައިދެއްވުމަށް ޗީފް އޮފް ޑިފެންސް ފޯހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިގެން ދިއުމާއި ގުޅިގެން، ކުރިއަށްއޮތް ހަފްތާގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ ބައްދަލުވުންތައް އޮންނާނެ ގަޑިތަކާބެހޭ މައުލޫމާތާއި، އެ ބައްދަލުވުންތަކަށް ޔާމީން ހާޒިރުކޮށްދެއްވުމަށް އެދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލަށް އިއްޔެ ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ އިން އެއްވެސް ސިޓީއަކަށް އަދިވެސް ޖަވާބު ދެއްވާފައިނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ޝާހިދު އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭތީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މަޖިލީހަކީ ތަންފީޒީ އިދާރާއެއް ނޫން ކަމުން އަބްދުﷲ ޔާމީން މަޖިލީހަށް ހާޒިރު ކުރެއްވުމަކީ މަޖިލީހުގެ ރައީސަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މި މައްސަލައިގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާ ދެމެދު މައްސަލަބޮޑުވެ ތަޅުން ހޫނުވެގެން ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ނުވަގަޑި އެގާރައިގައި ޖަލްސާ ނިންމަވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި، މި މަހު ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތަކަށް މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ހުށަހެޅުއްވުމާއި، ރައީސް ތަސްދީގު ނުކުރައްވައި ފޮނުއްވާފައިވާ، ވެރިކަންކުރާ ރަށްރަށް ކަނޑައެޅުމުގެ ބިލާއި، މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު މިއަދުގެ ޖަލްސާއަށް ހުށަހެޅުން ހިމެނެ އެވެ.