ބ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީން މީހަކު މަރުވެ، ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 258 އަށް އަރައިފިއެެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އުމުރުން 80 އަަހަރުގެ ދިވެހި އަންހެނެއް މިއަދު ހެނދުނު އެ ފެސިލިޓީގައި މަރުވެފައިވާ ކަމަށެވެ.

ކޮވިޑްގައި އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް މީހަކު މަރުވެފައިވެއެވެ. އިއްޔެ މަރުވީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ، އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިިދޔަ ހުކުރު ދުވަހު ކޮވިޑްގައި މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިދިޔަ ހޯމަ ދުވަ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ވެސް މަރުވެފައިވެއެވެ.

ކޮވިޑް ޖެހިގެން 15 މީހަކަށް މިވަގުތު ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 93،064އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 90،861އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 1،933 އެވެ.